Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެންމެ މޮޅު އެތުލީޓުންނަށް އަޒްނީން އާއި ދީމާ

އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އާއި ބޮޑީބިލްޑަރު، އަޒްނީން ރަޝާދު ހޯދައިފި އެވެ.

ރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023"ގައި މި އެވޯޑު މި ދެ އެތްލީޓުންނަށް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި އެވޯޑް ޙަފްލާގައި، "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ހޯދި 5 ބޭފުޅުންގެ އެވޯޑާއި، "ސްޕޯޓްސް އައިކަން އެވޯޑް" ހޯދި 8 ބޭފުޅުންނަށާއި، "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ހޯދި 16 ބޭފުޅުންނަށް ވެސް ރައީސް ވަނީ އެވޯޑު ހަވާލުކޮށްދެއްވާފަ އެވެ.

ކުޅިވަރުގެ ދާއިރާއިންދޭ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ. ސްޕޯޓްސް އައިކަން އެވޯޑަކީ މި އެވޯޑް ޙަފްލާއަށް ވަޑައިގެންނެވި، ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ. ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް މުޖުތަމަޢަށް ހެޔޮބަދަލު ގެނެސްދިނުމަށް މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ.

މިއަހަރު ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު ދެއްވާފައި ވަނީ، އަލްމަރްޙޫމް ސަމަރު ބުލޫ އިބްރާހީމް މަނިކަށާއި، އަލްމަރްޙޫމް އަޙްމަދު ރިޒާ(ތަރަބޫޒް ރިޒާ) އަށާއި، އަލްމަރްހޫމް އަޙްމަދު މަނިކު (ލޯޖެހި އަޙުމަދު މަނިކު)އަށާއި، އަލްފާޟިލް އަޙުމަދު ވަޙީދު (ކްއީން ވަޙީދު) އަށާއި، އަލްފާޟިލް މައްލާ ޅަތުއްތު އަށެވެ. އަދި ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ލިބިވަޑައިގެންނެވީ ނައިޖީރިއާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ސަންޑޭ އަކިން ޑާރޭ އަށެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް"އަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާ އެވެ. "މޯލްޑިވްސް ސްޕޯޓްސް އެވޯޑް" ތަޢާރަފްކޮށް ފުރަތަމަ އެވޯޑް ޙަފްލާ ބާއްވާފައި ވަނީ މިދިޔަ އަހަރު އެވެ.