Last Updated: May 13, 11:55
Tuesday, May 13, 2025
މުނިފޫހިފިލުވުން

މަނީ ލޯންޑަކުރި ސުކޭޝް އަށް ފިލްމެއް ހަދަނީ

މަނީ ލޯންޑްރިންގެ ބޮޑެތި މައްސަލަތަކާއި އަދިވެސް މަކަރާއި ހީލަތުގެ އެތައް މައްސަލައެއްގެ ތުހުމަތުކުރެވޭ އިންޑިއާގެ ނުފޫޒު ގަދަ މީހެއް ކަމަށްވާ ސުކޭޝް ޗަންދުރަސޭކަރަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.

މި ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައި ވަނީ "ޒިލާ ގަޒީއާބާދު" ގެނެސްދިން ޑައިރެކްޓަރު އާނަންދު ކުމާރެވެ. ހިންދުސްތާން ޓައިމްސް އަށް އޭނަ ބުނީ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ކުރިއަށް އޮތީ ސުކޭޝްއާ ބެހޭ ބޮޑެތި ރިސާޗްތަކެއް ހެދުމަށް ފަހު، ފިލްމުގެ ސްކްރިޕްޓަށް މަސައްކަތްކުރުން ކަމަށެވެ.

އާނަންދު ބުނި ގޮތުގައި މި ފިލްމުގައި ސުކޭޝް މަކަރާއި ހީލަތު އެންމެ އަޑިއަށް ފީނައި އޭނަގެ ޖަރީމާތައް ބެލުންތެރިންނަށް ޝައުގުވެރިކޮށް ތިލަކޮށް ދޭނެ އެވެ.

ސުކޭޝްގެ ވާހަކަ އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވީ ބަތަލާއިން ކަމަށްވާ ޖެކްލިން ފެނާމްޑޭޒާއި ނޯރާ ފަތުހީއާ އޭނަ ލޯބީގެ ގުޅުންތަކެއް ބާއްވައި، އެ މީހުންނަށް ވެސް އެތައް ހޭދައެެއްކޮށްފައިވާ ކަމަށް ބުނެ ދެކެވެން ފެށި ވާހަކަތަކާ ގުޅިގެންނެވެ. ހާއްސަކޮށް ޖެކްލިން އާއި ސުކޭޝްއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތް ކަމަށާއި ސުކޭޝްގެ އަތުން އޭނަ އަށް އަގުބޮޑު އެތައް ހަދިޔާތަކެއް ލިބުނު ކަމަށް ބުނާ މައްސަލަތައް ފެންމަތިވި އެވެ. އަދި ސުކޭޝްއާ އެކީ ޖެކްލިން ނަގާފައިވާ ވަރަށް ގައިގޯޅި ފޮޓޯތަކެއް ވެސް މިދިޔަ އަހަރު މީޑިއާތަކުގައި ލީކްވި އެވެ.

އެހެންވެ އެ މައްސަލަތަކާ ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ޖެކްލިން އާއި ނޯރާއާ ވެސް އެތައް ފަހަރެއްގެ މަތިން ސުވާލުކޮށް، ބަޔާން ނަގާފައިވެ އެވެ. ނަމަވެސް ސުކޭޝްއާ ގުޅުމެއް ބޭއްވިކަން ޖެކްލީން އާއި ނޯރާ ވެސް ދޮގުކުރެ އެވެ.

ސުކޭޝްގެ މައްޗަށް 200 ކްރޯޑް ރުޕީސްގެ މަނީ ލޯންޑްރިންގެ ތުހުމަތުކުރެވެ އެވެ.