Last Updated: April 19, 17:19
Friday, April 19, 2024
ޚަބަރު

ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެވިއްޖެ

ރާއްޖޭގައި އެއްވެސް ކުޅިވަރެއް ބާކީނުކޮށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ދާއިރާ އިން އިންގިލާބީ ގެނެސްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއް ބޭއްވި މި އަހަރުގެ މޯލްޑިވްސް ސްޕޯޓްސް ހަފުލާގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާަނީ އެތްލީޓުންނާއި އެ އެތުލީޓުންނަށް އެހީތެރިވެދޭ ބެލެނިވެރިން ކަމަށެވެ. އޭނަ ވިދާޅުވީ މިދިޔަ އަހަރަކީ ވެސް ރާއްޖޭގެ ކުޅިވަރަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން އެކި މުބާރާތްތަކުން ރާއްޖެ އިން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަން މަހްލޫފް ފާހަގަކުރެއްވި އެވެ.

"މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެއް. ޓީޓީ އަންހެން ޓީމު އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ހޯދީ ބްރޯންޒް މެޑަލް އަދި ރާއްޖެ ކުޅިވަރުގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ،" މިނިސްޓަރު ވިދާޅުވި އެވެ. "މިދިޔަ އަހަރު ބީޗު ވޮލީ ޓީމު ހޯދީ ރަން މެޑަލްއަކީ މިހާތަނަށް ވޮލީބޯޅައިން ލިބުނު ފުރަތަމަ ރަން މެޑަލް. ބޮޑީ ބިލްޑިންގުގައި ފުރަތަމަ ރަން މެޑަލް ވެސް ހޯދި."

މަހްލޫފް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގައިބައިނަލްއަގުވާމީ ނުވަ މުބާރާތެއް ބޭއްވުނު ކަމަށެވެ. އަދި ގިނަ އެސޯސިއޭޝަންތަކަށް ކޯޗުން ހަމަޖައްސައި ދިނުމާއި ރާއްޖޭން ބޭރުން އެތައް ފުރުސަތެއް އެތުލީޓުންނަށް ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވެސް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފަސް ޓެނިސް ޓެނިސް އެރީނާގެ މަސައްކަތް ވެސް މި މަހު ފަށާނެ." މަހްލޫފް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މި އަހަރަކީ ކުޅިވަރުގައި ބޮޑު އަހަރެއް ކަމަށާއި ގިނަ މުބާރާތްތަކަކަށް ބޮޑެތި އަމާޒުތަކެއް އެބަހުރި ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ކުޅިވަރު ކުރިއަރުވަން ބޮޑު އިސްކަމެއް ދެއްވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.