Last Updated: April 23, 23:56
Wednesday, April 24, 2024
ރިޕޯޓް

ޕީޕީއެމަށް "ޕްލޭން ބީއެއް" ނެތުމަކީ ވެއްޓުމެއް!

ބައެއް އާންމުން ކުރާ ސުވާލަކީ މިއެވެ؛ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ހަގީގަތުގައި ވެސް ޕީޕީއެމް ވާދަކުރާނެ ހެއްޔެވެ؟ އެ ސުވާލު އުފައްދާ ސަބަބަކީ އެ ޕާޓީ އާއި ކޯލިޝަން ބައިވެރިޔާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު 11 އަހަރުގެ ޖަލު ހުކުމުގައި ހުންނެވުމާ ގުޅިގެންނެވެ.

ވަރަށް ތިލަކޮށް، އެންމެ އާދައިގެ މީހާގެ ނަޒަރުން ވިސްނާ ނަމަ މި ހާލަތުގައި އޮތް ޝައްކަކީ ވޯޓް ކަރުދާހުގައި ޔާމިންގެ ނަން އޮތުމާ މެދު ކުރެވޭ ފިކުރެވެ. އެ މަނިކުފާނުގެ ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅާފައި އޮތަސް، އެކަމުގައި ކޮޅެއް، އަލިމަގެއް އަދިއެއް ނެތެވެ. ޔާމީން ގެއަށް ބަދަލުކޮށްދޭން ވެސް އިދިކޮޅުން އެބަ ގޮވަ އެވެ.

ބޮޑު މަންޒަރަށް ބަލާ އިރު، ރިޔާސީ އިންތިހާބަށް ދެން މާ ގިނަ ވަގުތެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބާ ދެމެދު މިހާރު ގާތްގަނޑަކަށް ހައެއްކަ މަހެވެ. ބޮޑު އިންތިހާބަކަށް ނުކުންނަ އިރު، ވަރުގަދަ ކެމްޕޭމެއް މުހިއްމުވެ އެވެ. ރައްޔިތުންނަށް ވިއްކާނެ މެނިފެސްޓޯއަކާ އެކީ ރިޔާސީ ކެންޑިޑޭޓް މި ހާލަތުގައި ހުންނަވަން ޖެހޭނީ ކެމްޕޭންގެ ތެރޭގަ އެވެ. އެކަމަކު ޔާމީން ހުންނެވި އެ ފަދަ ފުރުސަތެއް ލިބޭ ފަދަ ހާލަތެއްގައެއް ނޫނެވެ.

ގާނޫނީ ގޮތުން ބޮޑެތި މަރުހަލާތަކެއް ގިރާކޮށްފައި ނޫނީ އިންތިހާބަށް ނުކުންނެވޭ ސާފު މަގެއް މި ވަގުތު އެ މަނިކުފާނަކަށް ނެތެވެ. އެހެންވެ އަޑަށް ކިތަންމެ ބާރުލާފައި ގަދަބަސް ބުނާ ގޮތަށް ޕީޕީއެމާއި ޕީއެންސީން ޔާމީނާ ނުލައި ރިޔާސީ އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނުމަކީ އެ ދެ ޕާޓީގެ އާންމުންނަށް މެމްބަރުންނަށް އޮތް ހިތްހަމަޖެހުމަކަށް ވެސް ނުވާނެ އެވެ.

އެހެންވެ ހަގީގަތުގައި ރާއްޖޭގެ އެންމެ ބޮޑު އިދުކޮޅު ޕާޓީން "ޕްލޭން ބީއަކަށް" ވިސްނަންވެއްޖެ އެވެ. ވަގުތެއް ނެތެވެ. ހިތާމަ އަކީ މިފަދަ ކަމެއްގެ ކޮޅުމަތި ވެސް ކެރުންތެރިކަމާއި ފޯރުންތެރިކަމާ އެކީ ޕީޕީއެމް/ޕީއެންސީގެ ތެރެއިން ނުފެންނާތީ އެވެ.

މީގެ ދެތިން ދުވަހެއް ކުރިން ބައެއް މީޑިއާތަކުގައި ދެކެވުނު އެންމެ ބޮޑު އެއް ވާހަކަ އަކީ އިދިކޮޅުން "ޕްލޭން ބީ" އަކަށް ވިސްނައި ޔާމީންގެ ހިޔާލުފުޅަކަށް އެދިވަޑައިގެން ނޯޓެއް ފޮނުއްވުމުން އެ ވީދާ ލައްވައި "ކެންޑީޑޭޓަކީ އަހަރެން ކަމަށް" ވިދާޅުވި ކަމަށް ބުނާ ވާހަކަ އެވެ. މި ވާހަކަ އިދިކޮޅު ކޯލިޝަން ހަރުއަޑުން ދޮގު ކުރިޔަސް، ފެންނަ މަންޒަރަށް ބަލާ އިރު ޕީޕީއެމް/ޕީއެންސީ އޮތީ ޔާމީންގެ "މަ" ކޮންޓްރޯލްގެ ތެރޭގައިކަމެވެ.

އެހެންވެ ފާޅުގައި "ޕްލޭން ބީއެއް" ގެ ވާހަކަ ދައްކަވަން ކެރިވަޑައިގަންނަވާނެ ބޭފުޅެއް ނުވަތަ ބޭފުޅުންތަކެއް އެ ކޯލިޝަންގެ ތެރެއިން ފާޅެއް ނުވެ އެވެ. ހަގީގަތުގައި މިއީ ސިޔާސީ ގޮތުން އިދިކޮޅު ކޯލިޝަންގެ ވަރަށް ބޮޑު ވެއްޓުމެކެވެ. ނިކަމެތިކަމެވެ. ޕީޕީއެމް/ޕީއެންސީގައި ވެރިކަން ކުރެއްވިދާނެ ފަދަ ހަމަ އެހެން ބޭފުޅެއް ނެތީތޯ އެވެ؟

އެ ކޯލިޝަނަށް މި ވަގުތު ކުރަން ޖެހިފައި އޮތް ހުރިހާ ކަމަކީ "މަވެގެން" އުޅުއްވާ ޔާމީން މިނިވަން ކުރެވޭތޯ ކުރަން ހުރި މަސައްކަތެވެ. މަގުތަކަށް ނުކުމެ، ޕީޕީއެމް/ޕީއެންސީން އެކަން ކުރާތާ ވެސް މިހާރު ދެ މަހެއްހާ ދުވަސްވެއްޖެ އެވެ. އެކަން ކުރަން ތިބި މީހުން ވަރުބަލިވުން ނޫން ކަމެއް ނެތެވެ. އެހެންވެ މި ހާލަތުގައި އިދިކޮޅު ކޯލިޝަން ސީރިއަސް ވިސްނުމަކުން ވިސްނަންވެއްޖެ އެވެ.

ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމަށް، ޔާމީނާ އުޅެން ހަދައިގެން ރިޔާސީ އިންތިހާބު ގެއްލުމަކީ ސިޔާސީ ގޮތުން ޕާޓީ އަށް ލިބޭނެ ވަރަށް ބޮޑު ދެރައަކަށް ނޫނީ ނުވާނެ އެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަނީ އިލެކްޝަން ކޮމިޝަން (އީސީ) އިންތިހާބަށް ކުރިމަތިލާން ހުޅުވައިލާނެ އިރަކަށެވެ. އޭރުން އިދިކޮޅު ކޯލިޝަނުން ޔާމީންގެ ނަން ޔަގީނުން ވެސް ހުށަހަޅާނެ އެވެ.

ދެން ކަންތައް އެނބުރިގެން ދާނެ ގޮތް ފެންނާނީ އެއަށް ފަހު އެވެ. އެކަމަކު ސުވާލަކީ އެހާތަނާ ޖެހެންދެން ވެސް ހަމަ ޕީޕީއެމުން "ޕްލޭން ބީއަކަށް" ނުގޮސް އޮންނާނީތޯ އެވެ؟