Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ފާރިސްއަކަށް ރަނިންމޭޓް ކަމެއް ނުދޭނެ: މަވޯޓާ

އެމްއާރްއެމުން ވެސް ސަރުކާރުގެ މިހާރުގެ ކޯލިޝަނުން ވަކިވާން ބޭނުންވާ ނަމަ ލަސްނުކޮށް އެކަން ކުރަންވީ ކަމަށާއި އެ ޕާޓީގެ ރައީސް ފާރިސް މައުމޫނަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހަމަނުޖައްސާނެ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ރައީސް ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، އެމްޑީޕީއާ އެކީ ކޯލިޝަން އާކުރަން ރައީސް އޮތީ އެމްއާރްއެމަށް ދައުވަތު ދެއްވައިފަ އެވެ. އެކަމަކު ރައީސަށް ތާއީދުކޮށް އަލުން ކޯލިޝަން ހެދުމާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީން އޮތީ ވަކި ގޮތެއް ނުނިންމަ އެވެ.

ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަން ނަހަދައި، ވަކިން އިންތިހާބަށް ނުކުންނަން ނިންމައިފަ އެވެ. މި އުދާސްތަކާ އެކީ އެމްއާރްއެމަށް ފާޑު ވިދާޅުވެ މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީން އެމްޑީޕީން ކޯލިޝަން ނެހެދިޔަސް ފާރިސް އަށް ރަނިންމޭޓްކަން ނުދޭނެ ކަމަށެވެ.

"އެމްއާރްއެމުން ވެސް [ކޯލިޝަނުން] ވަކިވާން ބޭނުމިއްޔާ ދިއުޅި ދިގުނުކޮށް އަވަހަށް ވަކިވީމަ ނިމުނީ،" އޭނަ ވިދާޅުވި އެވެ. "އެމްޑީީޕީއަކުން ފާރިސްއަކަށް ރަނިންމޭޓް ކަމެއް ނުދޭނެ. އެޔަކީ ވާނެ ކަމެއް ނޫން."

ދާދި ފަހުން ރައީސް ވިދާޅުވި ގޮތުގައި އެމްއާރްއެމުން އެމްޑީޕީއާ އެކީ ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން އެބައޮތެވެ. އެކަމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލް ތެރޭގައި މަޝްވަރާ ކުރެވެމުން އަންނަ އިރު، އެނގިފައިވާ ގޮތުގައި ގިނަ މެމްބަރުން ތާއީދުކުރަނީ ރައީސަށް ތާއީދު ނުކުރުމަށެވެ.