Last Updated: July 27, 12:08
Saturday, July 27, 2024
މުނިފޫހިފިލުވުން

އެކްޓަރެއްގެ ގަޔަށް ވަޅި ޖަހައިފި

އެމެރިކާގެ ޖިމެއްގެ ތެރޭގައި އިންޑިއާގެ އެކްޓަރެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އެބަދެ އެވެ.

މީޑިއާތަކުންނ ބުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ލޮސް އެންޖެލިސްގެ ޖިމެއްގައި ހަމަލާ ދީފައި ވަނީ ރިތިކް ރޯޝަނާއި އައިޝްވާރިއާ ރާއީގެ 2008 ގެ ފިލްމު "ޖޯދާ އަކްބަރު" ގެ ރޯލެއް ކުޅުނު ޕަންޖާބީ އެކްޓަރު އަމަން ދަލިވާލް، 36، އަށް ކަމަށެވެ. މި ހާދިސާގައި އަމަން އަށް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

އޭނަ އަށް މީހަކު ޖިމް ތެރޭގައި ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފައިވެ އެވެ.

އެއިން ފެންނަނީ މަޑު ނޫކުލައިގެ ހުޑީއެއް ލައިގެން ހުރި މީހަކު އަމަންގެ ގައިގައި އެއް އަތުން ހިފަހައްޓައިގެން އަނެއް އަތުން ވަޅިއެއް ހިފަހައްޓައިގެން ހުރެ ފެންދޭށޭ ބުނެ އަޑުގަދަކުރާ ތަނެވެ. އަދި އެ މީހާ އަމަން ހިފަހައްޓައިގެން ހުރި އިރު، ޖިމް ތެރޭގައި އިތުރު ބަޔަކު ހަރަކާތްތެރިވާ ތަން ވެސް ފެނެ އެވެ. އެކަމަކު އަމަންގެ މޭގެ ކަނާތަށާއި ވާތުގެ އިތުރުން ކަނދުރާ އަށް ވަޅިން ހަމަލާ ދިނުމާ ހަމައަށް އެކަން ހުއްޓުވަން މަސައްކަތްކުރާ ތަނެއް ނުފެނެ އެވެ.

ހަމަލާދިން މީހާ ހައްޔަރުކޮށް، އެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. މީޑިިއާތަކުން ބުނީ އަމަންގެ ގަޔަށް ވަޅި ހެރި މައްސަލާގައި ހައްޔަރުކުރީ ރޮނާލްޑް ޗާންދު ކިޔާ 30 އަހަރުގެ މީހެއް ކަމަށެވެ.

އަމަންކީ ކަލާސް އިން 2015-2016 އަށް ގެނެސްދިން ސިލްސިލާ "އިޝްގު ކާ ރަންގު ސަފޭދު" ގެ ރޯލެއް ވެސް ކުޅުނު އެކްޓަރެކެވެ.