Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ހައްޖު ދަތުރަށް ވޮލަންޓިއަރުން ހޯދަނީ

މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ކަންކަމާ ގުޅޭ މަސައްކަތްތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާނެ މީހުން ހޯދަން އަލުން އެ ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.

ކުރިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލީ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން މިހާރު ސުންގަޑި އަކީ މި މަހުގެ 22 ގެ މެންދުރު ފަހު 3:00 އެވެ.

ހައްޖު ދަތުރުގައި ވޮލަންޓިއަރުންގެ ގޮތުގައި ހޯދަނީ އެންމެ ދަށްވެގެން އަސާސީ ތައުލީމުގެ ފެންވަރު ހުރި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ސިއްހަތު ރަނގަޅު ފިރިހެނުންނެވެ. އަދި ވޮލަންޓިއަރުން ހޮވުމުގައި އަރަބި ބަސް ނުވަތަ އުރުދޫ ބަހުން ވާހަކަ ދައްކަން އެނގޭ، ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ސައޫދީ އަރަބިއްޔާ އިން މިއަހަރު ރާއްޖެ އަށް ދިނީ 1،000 ހައްޖު ކޯޓާ އެވެ. މި ކޯޓާގެ ދަށުން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް މި އަހަރު ދޭނެ އެވެ. އެގޮތުން އެކަމަށް ފުރުސަތު ހުޅުވައިލުމުން 11 ކުންފުންޏަކުން ހުށަހަޅާފައިވެ އެވެ.