"ޖުރަސިކް ޕާކް" ފަދަ އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ އެކްޓަރު ސޭމް ނީލް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނެފި އެވެ.
އުމުރުން 75 އަހަރުގެ އެކްޓަރު ބުނީ އޭނަ އަށް ޖެހިފައި ވަނީ އެހާ އާންމު ނޫން ކެންސަރެއް ކަމަށްވާ ނަން-ހޮޖްކިންސް ލީމްޕޯމާ އެވެ. މި ބަލި އޭނަ އަށް ޖެހުނުކަން އެނގުނީ މިދިޔަ އަހަރު ފިލްމު "ޖުރަސިކް ވޯލްޑް ޑޮމިނަން" ގެ ޕްރޮމޯޝަންތަކުގެ ތެރޭގައި އުޅެނިކޮށް މާޗް މަހު ކަމަށް ސޭމް ބުންޏެވެ. އޭރު އޭނަ ހުރީ ބަލީގެ ތިން ވަނަ ސްޓޭޖްގަ އެވެ.
ސޭމް ބުނި ގޮތުގައި ކެންސަރު ޖެހުނުކަން އެނގުމާ އެކީ ވަގުތުން ފަރުވާ ހޯދަން ފެށި އެވެ. އަދި މިކަމުގެ ތެރޭގައި އެންމެ ހިތްދަތިވި ކަމަކީ ކީމޯތެރަޕީގެ ފުރަތަމަ ސެޝަނަށް ފަހު ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ގެއްލުން ކަމަށް ބުންޏެވެ.
ސޭމްގެ ކެންސަރުގެ ތަޖުރިބާގެ ވާހަކަ އަންނަ އަންގާރަ ދުވަހު ނެރޭ އޭނަގެ ބައޮގްރަފީ "ޑިޑް އައި އެވާ ޓެލް ޔޫ ދިސް؟" ގައި ވެސް ހިމަނާފައިވާނެ ކަމަށް ބުންޏެވެ.