Last Updated: March 26, 17:38
Sunday, March 26, 2023
ޚަބަރު

ނޫސްވެރިޔަކު ހައްޔަރުކުރީ ފުލުހެއްގެ ގައިގައި ޖެހުމުން

އިދިކޮޅުގެ މުޒާހަރާއެއްގެ ތެރެއިން ނޫސްވެރިޔަކު ހައްޔަރުކުރީ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖެހުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ "އަވަސް" ނޫހުގެ ނޫސްވެރިއެކެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް ފުލުހުންނަށް އަމާޒުވި އެވެ.

އެކަމާ ގުޅިގެން މިއަދު ފުލުހުން ކުރި ޓްވީޓްތަކެއްގައި ބުނީ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެންނެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.