Last Updated: April 24, 12:03
Wednesday, April 24, 2024
ޚަބަރު

ފުލުހުންނަށް އިތުބާރު ހޯދުމަކީ ދިގު ރާސްތާއެއް

ފުލުހުންގެ ހިދުމަތް ރިފޯމްކޮށް، އާންމުންގެ އިތުބާރު ހޯދަން ކުރަން ޖެހޭ މަސައްކަތަކީ ދިގު ރާސްތާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ "ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް" މިއަދު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޕޮލިސް ރިފޯމް ކުރުމުގެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ވެސް ކަމަށެވެ. އަދި އެ ވައުދާ އެއްގޮތަށް ފުލުހުންގެ ހިދުމަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ ޚިދުމަތަށް ހެދުމަށް ގިނަ ބަދަލުތަކެއް މިހާރު ވެސް ގެނެވިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެގޮތުން ފުލުހުންގެ ހިދުމަތަށް މުޅިން އާ ޤާނޫނެއް ވުޖޫދުވެ އެ ގާނޫނުގެ ތެރެއިން ވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި، އިހުތިރާމާއި ލޯބި ހޯދުމަށް ކުރަން ޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބު ކުރެވިގެން ކުރަން ޖެހިފައިވާ ދަތި ގޮންޖެހުން ބޮޑު އުދަނގޫ މަސައްކަތެއް،" އިމްރާން ވިދާޅުވި އެވެ. "އެ މަންޒިލަށް ވާސިލް ވުމަށްޓަކައި ދިގު ރާސްތާއެއް، ކަޑައްތު ކުރަންޖެހޭ ކަށިތަކުން ފުރިގެންވާ ދިގުމަގެއް. ރައީސް ޞާލިހުގެ ސަރުކާރުން މި މަސައްކަތް ފެށީ ކަމުގެ ހަގީގަތް އެނގި ތިބެ މި ބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމުގައި."

މިއަދު ފެށި "ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް" ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށްޓާއި ދިރާސީ ފެންވަރެއްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޮންފަރެންސެކެވެ. މީގައި 10 ކަރުދާހެއް ވެސް ހުށަހަޅާނެ އެވެ.