Last Updated: March 26, 17:38
Sunday, March 26, 2023
ޚަބަރު

ޓޭޒާ ގަން އަކީ ނުރައްކާތެރި އެއްޗެއް ނޫން: ރައީސް

ފުލުހުން މިހާރު ބޭނުން ކުރަން ފަށާފައިވާ ޓޭޒާ ގަން އަކީ ނުރައްކާތެރި ހަތިޔާރެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ "ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް" މިއަދު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޑިވައިސް ދިފާއުކޮށް ރައީސް ވާހަކަ ދެއްކެވި އިރު، ޓީޒާ ގަން ބޭނުން ކުރަން ފެށުމުން ކަންބޮޑުވުން ފާޅުކޮށް، އެއީ ފުރާނަ އަށް ނުރައްކާވެދާނެ އެއްޗެއް ކަމަށް ބުނެ އެ ބޭނުން ކުރުން ހުއްޓައިލަން ބައެއް ޖަމިއްޔާތަކުން ގޮވާލާފައިވެ އެވެ.

ރައީސް މިއަދު ވިދާޅުވީ ރައްޔިތުންގެ ދިފާއުގައި ކިތަންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލާ އިރު ވެސް ފުލުހުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ ގާނޫނީ ރައްކާތެރިކަމާއި ޖިސްމާނީ ރައްކާތެރިކަން ފުލުހުންނަށް ކަށަވަރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޓޭޒާ ގަން އަކީ އެ ނިޔަތުގައި ބޭނުން ކުރާނެ އެއްޗެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު އެކުށްވެރިޔާގެ ވެސް އަދި ފުލުސް މީހާގެ ވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެެއް،" ރައީސް ވިދާޅުވި އެވެެ. "ފަހަރެެެއްގައި ވެސް އެއީ ކުށްވެރިންނަށް ހަމަލާ ދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން."

ފުލުހުން ބުނެފައިވާ ގޮތުގައި ޓޭޒާ ގަން މީހެއްގެ ގަޔަށް ޖެހުމުން ކަރަންޓު ޝޮކެއް ފޮނުވާލައި ފަސް ސިކުންތަށް އެ މީހަކު ޕެރެލައިޒްކޮށްލަ އެވެ. ނަމަވެސް އޭގެ ބުލެޓް އެ މީހެއްގެ ގައިން ނުނައްޓައި އަލުން ގަން ޓްރިގާކޮށްފިނަމަ އިތުރު ފަސް ސިކުންތު އިތުރުވެ އެވެ. އެކަމަކު މީގެ ސަބަބުން ފުރާނައަށް ނުރައްކާވާ އެއްވެސް އަނިޔާއެއް ނުލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.