Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ރާޖަމޯލީގެ ފިލްމެއް ބޭނުން: ހެމާ

މިދިޔަ އަހަރު "އާރްއާރްއާރް" ގެނެސްދިން ތެލެގޫ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ފިލްމެއްގައި މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ ބުނެފި އެވެ.

މަޝްހޫރު އެކްޓަރު ދަރްމެންދުރާގެ އަންހެނުން، ފްރީ ޕްރެސް ޖާނަލް އަށް ދިން އިންޓަވިއުއެއްގައި ވަނީ މި އަހަރުގެ އޮސްކާ އެވޯޑްސްގައި ރާޖަމޯލީގެ ފިލްމުގެ ލަވަ "ނާޓު ނާޓު" އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ހޯދުމުން އެކަމަށް މަރުހަބާ ވެސް ކިޔައިފަ އެވެ. ހެމާ، 74، ބުނި ގޮތުގައި އެއީ މުޅި އިންޑިއާ އަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ.

"ފުރުސަތެއް ލިބިއްޖެ ނަމަ އަހަރެން ވަރަށް ބޭނުން ރާޖަމޯލީއާ އެކީ މަސައްކަތްކޮށްލަން. ވަރަށް މޮޅު ޑައިރެކްޓަރެއް އެއީ." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.

ހެމާ ފަހުން ފެނިފައި ވަނީ 2020 ގެ "ޝިމްރާ މިރްޗް" އިންނެވެ.

"ބާހްބަލީ" އާއި "މަގަދީރާ" ފަދަ މޮޅެތި ފިލްމުތައް ގެނެސްދިން ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމަކީ ތެލެގޫ އެކްޓަރު މަހޭޝް ބާބޫއާ އެކީ ހަދަން ނިންމާފައިވާ އެޑްވެންޗާ ފިލްމެކެވެ.