Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

ފުލުހުންގެ ސިޔާސަތަކީ ގުޅިގެން ހިދުމަތް ދިނުން

ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގް ދެމެހެއްޓުންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި "ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން ރައްޔިތުންނަށް ޤަބޫލުކުރެވިގެން ކަމަށް ވިދާޅުވެފަ އެވެ.

ރައިސް ފާހަގަކުރެއްވި ގޮތުގައި 2021 ވަނަ އަހަރު ޢަމަލުކުރަންފެށި ފުލުހުންގެ އާ ގާނޫނަށް ފުރިހަމަ ގޮތުގައި ޢަމަލުކުރެވޭނީ މުޅި މުޖްތަމަޢު ޝާމިލުވާ ގޮތަށް ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ބައްޓަންކޮށްގެންނެވެ.

އެހެންވެ ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ނަތިޖާ އެއްގެ ގޮތުން ވޭތުވެ ދިޔަ ފަސް އަހަރު ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުން ހޯދާފައިވާ ކަމަށާއި މިހާރު ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއި ޓޭޒާ ގަން ފަސަ ވަސީލަތްތައް ބޭނުން ކިރަން ފެށިކަން ފާހަގަކުރެއްވި އެވެ. ހަމަ އެއާއެކު އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމުވުމަކީ ވެސް، ޒަމާނީ ތަޢުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ފެށި ފުލުހުންގެ ކޮންފަރެންސަކީ ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން ރާއްޖޭގެ ތާރީޚްގައި ވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޙުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސެވެ. އަދި މީގެ އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ތަޖުރިބާކާރުންގެ އިރުޝާދާއި ޢިލްމީ ހަގީގަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ. އަދި މި ފަދަ ޢިލްމީ ކޮންފަރެންސެއް އިންތިޒާމުކުރި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި ހޯމް މިނިސްޓްރީގެ އިތުރުން ފުލުހުންގެ ޚިދުމަތަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްގީކޮށް ޕޮލިސް ރިފޯމް ކުރުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.