Last Updated: March 26, 17:17
Sunday, March 26, 2023
ޚަބަރު

ގުރައިދޫ ބައި-އިލެކްޝަންގެ ކެމްޕޭން ޕީޕީއެމުން ފަށައިފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޕީޕީއެމުން ފަށައިފި އެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. އެ ގޮނޑި އަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގަ އެވެ.

މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ އިސް ބޭފުޅުން މިއަދު ވަނީ ގުރައިދޫ ދާއިރާގައި ކެމްޕެއިން ފަށައިފަ އެވެ. އެގޮތުން ކެމްޕެއިންގައި ދޮރުން ދޮރަށް ހިންގުން ކުރިއަށް ގެންގޮސްފައިވާއިރު ގުރައިދޫ ދާއިރާގެ ތިން ރަށަށް ލީޑަޝިޕްގެ ބޭފުޅުން ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕީޕީއެމްގެ އިތުރުން ދެން މި އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރާ އިބްރާހީމް ޝާޒް އާއި އެމްއެންޕީން ވާދަކުރާ އަލީ އާރިފް އެވެ.

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބައި-އިލެކްޝަން ބާއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުންނެވެ.