Last Updated: March 26, 17:17
Sunday, March 26, 2023
މުނިފޫހިފިލުވުން

އަލުން "އިންޝާﷲ" އަށް ތައްޔާރު ވަނީ

ޝޫޓިން ވެސް ފެށި ފަހުން އެކްޓަރު ސަލްމާން ޚާން ފިލްމުން ވަކިވުމުން މަސައްކަތް ހުއްޓާލަން ޖެހުނު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އަލުން ހަދަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލޯބީގެ އަސަރު ގަދަ ވާހަކައަކަށް ހަދަން އުޅުނު ފިލްމު ސަލްމާން ދޫކޮށްލި އިރު، އޭގެ ބަތަލާ އަކީ އާލިއާ ބަޓެވެ. މިދިޔަ އަހަރު ބަންސާލީ ގެނެސްދިން "ގަންގޫބާއީ ކަތިއަވާޅީ" އަކީ "އިންޝާﷲ" ސަލްމާން ދޫކޮށްލުމުން އެ ފިލްމުގެ ބަދަލުގައި އާލިއާ އަށް ދިން ފިލްމެވެ.

ސަލްމާން ފިލްމު ދޫކޮށްލުމުން ފަހުން "އިންޝާﷲ" އަށް ޝާހްރުކް ނުވަތަ ރިތިކް ރޯޝަން ނަގައިގެން ހަދަން އުޅުނު ވާހަތަކެއް ވެސް ދެކެވިފައިވެ އެވެ. ނަމަވެސް 2019 ގައި އޭގެ މަސައްކަތް ހުއްޓައިލަން ޖެހުނު ފަހުން ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ބަންސާލީ ނުދައްކަ އެވެ.

އެކަމަކު ޕިންކްވިލާ އިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުން ކުޅަދާނަ ޑައިރެކްޓަރު ނެޓްފްލިކްސްއާ ގުޅިގެން މިހާރު ހަދަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ" ގެ ޝޫޓިން އޮކްޓޯބަރުގައި ނިމުމުން "އިންޝާﷲ" ގެ މަސައްކަތް ފަށާނެ އެވެ. އަދި ފިލްމުގެ ކާސްޓަށް ނަގަން ނިންމާފައި ވަނީ 90 ގެ މަޝްހޫރު ތަރިންތަކެއް ކަމަށާއި ފިލްމުގެ މިއުޒިކް ވެސް ބަންސާލީ ނިންމާފައިވާ ކަމަށް ބުންޏެވެ.

"ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" ފަދަ ލޯބީގެ ފިލްމުތައް ގެނެސްދިން ބަންސާލީ އޮތީ 2019 ގައި "ބައިޖޫ ބަވްރާ" ކިޔާ ފިލްމެއް ވެސް އިއުލާންކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭގެ ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ އެވެ. އަދި އެ ފިލްމު ހަދާނީ "އިންޝާﷲ" އަށް ފަހު އެވެ. ސަބަބަކީ "ގަންގޫބާއީ" އާއި "ހީރާމަންޑީ" ފަދަ ސީރިއަސް ދެ ޕްރޮޖެކްޓަށް ފަހު ތަންކޮޅެއް ލައިޓް ހާޓެޑް އެއްޗެއް ހަދަން ބަންސާލީ މިހާރު ބޭނުންވުމެވެ.

އެހެންވެ އަންނަ އަހަރުގެ ތެރޭގައި ނުވަތަ 2025 ގެ ކުރީކޮޅު "އިންޝާﷲ" ބެލުންތެރިންނާ ހަމައަށް އައުމުގެ ފުރުސަތު އެބައޮތެވެ. މި ފިލްމަކީ އެމެރިކާގައި އުޅޭ ދުވަސްވީ ނުފޫޒު ގަދަ ވިޔަފާވެރިއަކާއި އިންޑިއާގެ ބަތަލާއެއްގެ ލޯބީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ.