Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އެޗްޑީސީ ރޯދަ އަށް ތައްޔާރު

ބަރަކާތްތެރި ރަމަޟާން މަހަށް ގިނަ ތައްޔާރީތަކެއް ވަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ބުނީ ރޯދަ މަހަށް ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އިޖްތިމާއީ އެކި ކަންކަމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާ އެ ސަރަހައްދުން އެސްޓީއޯ ފިހާރައެއް ހުޅުވުމަށް އެޗްޑީސީން ހިލޭ ވިނަރެސް ޔުނިޓެއް އެ ކުންފުންޏަށް ދީފައިވާއިރު އެ ޔުނިޓުގައި އެސްޓީއޯގެ އައު ފިހާރައެއް ވެސް މިހާރު ވަނީ ހުޅުވާފަ އެވެ.

ހަމަ އެ ސަރަހައްދަށް ޚާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް ވެސް އެޗްޑީސީން އަންނަނީ ވަމުންނެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކުރުމާއި، ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތް ވެސް އެޗްޑީސީން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ރަމަޟާން މަސް ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްލެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ ރަމަޟާން މަހަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް ވެސް އެ ކުންފުނި އޮތީ ތައްޔާރަށެވެ.

ރަމަޟާން މަސް ތެރޭގައި ވެސް އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި ދީނީ ހަރަކާތްތަކާއި، އެކި ކުޅިވަރު ހަރަކާތްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، ބާސްކެޓް ބޯޅަ މުބާރާތާއި، ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތް ހިމެނެ އެވެ. މީގެ އިތުރަށް ރަމަޟާންމަހުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.