ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ލިބޭ އަދުހަމް މުހައްމަދުގެ މައްޗަށް ހުކުމް ކުރުން މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ގާސިމް މަރާލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ވަނީ އިއުތިރާފްވެފަ އެވެ.
އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު އެވެ.
މި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މިފަދަ މައްސަލަތަކުގައި މަރަށް މަރު ހިފަން ވާރިސުން ބޭނުންވާ ނަމަ، އަންނާނީ މަރުގެ އަދަބެވެ. ނަމަވެސް ވާރިސުން އެކަން ބޭނުން ނުވާނަމަ، އަންނާނީ އުމުރަށް ޖަލަށްލުމުގެ ހުކުމެކެވެ.