Last Updated: April 26, 20:05
Friday, April 26, 2024
ކުޅިވަރު

ހާލަންޑްގެ ހެޓްރިކުން ސިޓީ ސެމީ އަށް

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އާލިން ހާލަންޑްގެ ހެޓްރިކާ އެކު 6-0 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ސިޓީން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. މި ދެ ގޯލު ވެސް ސިޓީ އަށް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. އަދި މެޗުގެ 59 ވަނަ މިނެޓްގައި ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ މި ސީޒަނުގައި ހާލަންޑް ހެދި 6 ވަނަ ހެޓްރިކެވެ.

މި މެޗުގައި ހާލަންޑް ޖެހި ގޯލުތަކާ އެކު އޭނާ މިހާރު ވަނީ ސިޓީ އަށް ކުޅެދިން 37 މެޗުން 42 ލަނޑު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ސިޓީގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް ދެ ގޯލު ކާމިޔާބު ކުރިއިރު އެޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ކޯލް ޕާމާ އެވެ.

އެފްއޭ ކަޕް ކުއާޓާ ފައިނަލްގެ ބާކީ ތިން މެޗު މިރޭ ކުޅޭނެ އެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅޭއިރު، ހަތަރު ވަނަ ޑިވިޝަންގެ ގްރިމްސްބީ ކުޅޭނީ ބްރައިޓަންއާ އެވެ. އަދި ޝެފީލްޑް ޔުނައިޓެޑް ކުޅޭނީ ބްލެކްބާންއާ އެވެ.