Last Updated: April 20, 17:52
Saturday, April 20, 2024
ކުޅިވަރު

އެވަޓަނުން ފަހު ވަގުތު ޗެލްސީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު އެވަޓަން އިން ޗެލްސީއާ 2-2 އިން އެއްވަރުކޮށް މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ 38 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ. ރެލިގޭޝަނަށް ވެއްޓުމުގެ ބިރު ހީވެފައިވާ އެވަޓަނުން ރޭ ހޯދި ޕޮއިންޓާ އެކު މިހާރު އޮތީ 26 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓްގައި މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ޖައޯ ފެލިކްސް ކަމަށްވާއިރު މި ގޯލު އޭނާ ކާމިޔާބު ކުރީ އެވަޓަންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މެޗުގެ 69 ވަނަ މިނެޓްގައި އެވަޓަންގެ ޑޮކޫރޭ އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނެޓްގައި ޗެލްސީން ވަނީ އަލުން ލީޑު ނަގާފަ އެވެ. ޗެލްސީ އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އެވެ. މިއީ ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި ގޯލަށް ފަހު ލީޑު ދަމަހައްޓަން ޗެލްސީން ވަރަށް ޑިފެންސިވްކޮށް ކުޅެމުންދަނިކޮށް މެޗުގެ 89 ވަނަ މިނެޓްގައި އެލިސް ސިމްސް ވަނީ އެވަޓަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ސިމްސް މި ގޯލު ކާމިޔާބު ކުރީ ޗެލްސީގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ ކައިރިން ނައްޓާލައި ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ނަތީޖާއާއެކު އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް ޗެލްސީ ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ތިން މެޗުން އެޓީމު ވަނީ މޮޅު ހޯދައިފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސައުތެމްޓަން އިން ވަނީ ފަހަތުން އަރައި 3-3 އިން ޓޮޓެންހަމްއާ އެއްވަރުކޮށްފަ އެވެ. ލީޑްސް ޔުނައިޓެޑުން ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅެ 4-2 އިން މޮޅުވި އިރު އެސްޓަންވިލާ އިން ވަނީ 3-0 އިން ބޯންމަތް ބަލިކޮށްފަ އެވެ.