Last Updated: March 26, 16:36
Sunday, March 26, 2023
ޚަބަރު

ރައީސަށް ވެރިކަން ހޯދައި ދޭން 52 އެމްޕީން އެބަތިބި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް އަތުކުރި އޮޅާލައިގެން މަޖިލީހުގެ 52 މެމްބަރަކު އެބަތިއްބެވި ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި އެ މެމްބަރުންގެ އިތުރުން ރައީސާ އަކީ އެމްޑީޕީގެ 80 އަށް ވުރެ ގިނަ ދާއިރާތަކުގެ ރައީސުން ވެސް ރައީސާ އެކީ އެބަ ތިއްބެވި ކަމަށެވެ. މަވޯޓާ ވިދާޅުވި ގޮތުގައި ކޯލިޝަންގައި ތިބި ބައެއް ޕާޓީތަކުން ކޯލިޝަނުން ވަކިވެގެން ހިނގައިދާނެ ކަމަށް ކުރިން ވެސް ބެލެވުނެވެ.

މި ސަރުކާރުގެ ކޯލިޝަންގައި އެމްޑީޕީއާ އެކީ ހިމެނެނީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރްމެވެ. މި ޕާޓީތަކުގެ ތެރެއިން ރައީސަށް ދެވަނަ ދައުރެއް ހޯދައިދޭން ކޯލިޝަން ހަދަން އަދި ނިންމީ އަދާލަތުން އެކަންޏެވެ. ޖުމްހޫރީ ޕާޓީން ވަނީ އިންތިހާބުގައި ވަކިންނ ވާދަކުރަން ނިންމައިފަ އެވެ. އަދި އެމްއާރްއެމް ކޯލިޝަން އާކުރުމާ މެދު ގޮތެއް ނުނިންމަ އެވެ.

ނަމަވެސް މި ފަހަރު މުޅިން އަލަށް އެމްޑީއޭ އިން ވަނީ އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމައިފަ އެވެ.

މަވޯޓާ ވިދާޅުވީ ކޯލިޝަން އެއްކޮށް އޮތް ނަމަ ރަނގަޅު ކަމަށެވެ. އެކަމަކު ނެތަސް ވަރިހަމަ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް އަތުކުރި އޮޅާފައި ތިބި 52 އެމްޕީންނާއި 80 އަށް ވުރެ ގިނަ އެމްޑީޕީގެ ދާއިރާގެ ރައީސުން އެބަތިބި. [އެހެންވީމަ] އޮތީ ކުރިއަށް." އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، އެ މަނިކުފާނުގެ ޕާޓީ އެމްޑޕީގެ ރައީސް މުހައްމަދު ނަޝީ ހުންނެވީ ރައީސާ ދެކޮޅަށެވެ. އަދި ނަޝީދު މިހާރު ގެންދަވަނީ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާ ވަރަށް ގާތްކޮށް މަސައްކަތްކުރައްވަމުންނެވެ. އެހެންވެ ނަޝީދު ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ޖޭޕީގެ މަޖިލިސް މެމްބަރުންގެ ޖޮއިންޓް ޕާލިމަންޓަރީ ގްރޫޕަކަށް ވެސް މިހާރު އަންނަނީ މަސައްކަތްކުރެވެމުންނެވެ.