ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން އަނެއްކާ ވެސް ފިލްމެއްގެ ނުބައިބައި ރޯލަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމަކީ މިދިޔަ ހަފުތާގެ ތެރޭގައި ޒުވާން ބަތަލާ ޖާންވީ ކަޕޫރް ސޮއިކުރި، ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ އާ ފިލްމެވެ. މި ވަގުތު ވަގުތީ ނަމަކަށް "އެންޓީއާރް 30" ގެ ނަން ދީފައިވާ މި ފިލްމުގެ ޝޫޓިން އަންނަ ބުރާސްފަތި ދުވަހު ފަށަން ވަރަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން މިހާރު ތާވަލުކޮށްފައިވާ އިރު، އެ ދުވަހު ފިލްމުގެ ވިލަން އަކީ ސައިފްކަން ވެސް އިއުލާންކުރާނެ އެވެ. މީގެ ޑައިރެކްޓަރަކީ ކޮރަތަލާ ސިވާ އެވެ.
މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ ނެގަޓިވް ރޯލުތަކެއް ކުޅުނު ފިލްމުތަކުގެ ތެރޭގައި "އޯމްކާރާ" އާއި "ތާނާޖީ: ދި އަންސަންގެ ވޮރިއާ" ހިމެނެ އެވެ. މީގެ އިތުރުން މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ބާހްބަލީ" ގެ އެކްޓަރު ޕްރަބާސްގެ "އާދިޕުރުޝް" ގައި ވެސް ސައިފް ނެގަޓިވް ރޯލަކުން ފެންނާނެ އެވެ.
"އެންޓީއާރް 30" އަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "އާރްއާރްއާރް" ގެ ފަހުން އެންޓީއާރް ޖޫނިއާ ކުޅޭ ފުރަތަމަ ފިލްމެވެ. މީގެ ވާހަކަ ދެކެވެން ފެށި ފަހުން، އޭނަގެ ފޭނުން އަންނަނީ ފިލްމު ބަލާލަން ލިބޭނެ އިރަކަށް އިންތިޒާކުރަމުންނެވެ.
މި ފިލްމުގެ ބަތަލާގެ ރޯލަށް ޖާންވީ ސޮއިކުރި އިރު، މިއީ ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ކުޅޭ ފުރަތަމަ ދެކުނު އިންޑިއާގެ ފިލްމެވެ.