Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

އަހަރެން ހައްޔަރު ކުރަން އެބައުޅޭ: ޓްރަމްޕް

އަންނަ އަންގާރަ ދުވަހު އޭނަ ހައްޔަރުކުރަން އުޅޭ ކަމަށާއި އެހެންވެ ސަޕޯޓަރުން އެކަމާ ދެކޮޅަށް މުޅި އެމެރިކާގައި މުޒާހަރާކުރަން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރަން ނިންމާފައިވާ ޓްރަމްޕްގެ މައްޗަށް ތަފާތު އެކި ތުހުމަތުކުރެވި، އެފަދަ އެތައް މައްސަލައެއްގެ ތަހުގީގު ކުރިއަށްދެ އެވެ. އޭގެ ތެރޭގައި ވެރިކަމުގައި ހުންނެވި ދުވަސްވަރު ޓެކްހަށް މަކަރު ހެދުމާއި 2020 ގެ ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވައި ހޮވިވަޑައިނުގަތުމުން ސަޕޯޓަރުންތަކެއް ލައްވައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކެޕިޓޮލް ހިލްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގެވުމުގެ އިތުރަށް 2016 ގެ އިންތިހާބު ކާމިޔާބު ކުރެއްވި އިރު، ރަޝިއާގެ އެހީގައި އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވަން މަސައްކަތްތަކެއް ކުރެއްވުން ފަދަ ތުހުމަތައް ހިމެނެ އެވެ.

މީގެ އިތުރުން ހިޔާނާތާއި ރިޝްވަތު ދިނުން ފަދަ ތުހުމަތުތަކެއް ވެސް ޓްރަމްޕްގެ މައްޗަށް ކޮށްފައިވެ އެވެ. ނަމަވެސް އޭނަ ގެންދަވަނީ ތަކުރާރުކޮށް ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.

މިހާތަނަށް މިފަދަ އެއްވެސް މައްސަލައެއްގައި ޓްރަމްޕަށް ދައުވާކޮށްފައި ނެތަސް އިއްޔެ އޭނަގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ސޯޝަލް ޓުރުތުގައި ވިދާޅުވީ "މެންހަޓަންގެ ޑިސްޓްރިކްޓް އެޓާނީ އޮފީހުން ލީކްވެފައިވާ ލިޔުންތަކަކުން އެނގޭ ގޮތުގައި އަންނަ އަންގާރަ ދުވަހު އަހަރެން ހައްޔަރުކުރަން އުޅޭ" ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ރަސްމީ ފަރާތަކުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި ޓްރަމްޕްގެ ގާނޫނީ ޓީމުން ވެސް ބުނެފައި ވަނީ އޭނަ ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.