Last Updated: April 24, 06:02
Wednesday, April 24, 2024
ޚަބަރު

ސްކީމްތަކުން ލިބޭ ގެއްލުމުގެ ޝަކުވާތަކަށް ހުޅުވާލައިފި

އޮޅުވާލައިގެން ހިންގަމުންދާ އެކިއެކި ސްކީމުތަކުން އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހުޅުވާލައިފި އެވެ.

އެތަނުން އާންމުކުރި ބަޔާނެއްގައި ބުނީ އެހެންކަމުން، މާލީ ސެކިއުރިޓީޒްގެ މުޢާމަލާތުގެ ތެރޭގައި ހިމެނޭ އެއްވެސް ބާވަތެއްގެ މުޢާމަލާތެއް، ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގައި، ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާ ފަދަ ގޮތަކަށް އިސްތިހާރުކޮށް ޢަމަލުކުރުމަކީ، މަނާ ކަމެއް ކަމަށެވެ.

އެހެންވެ ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ހިންގާ ސްކީމެއްގައި ބައިވެރިވެގެން އިންވެސްޓަރަކަށް ގެއްލުމެއް ލިބިފައިވާ ނަމަ، މި އޮތޯރިޓީ އަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ. އެގޮތުން މިހާރު ވެސް ލިބިފައިވާ ޝަކުވާތަކެއްގެ މި މައްސަލަތައް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ސީއެމްޑީއޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 30 އާ ހަމައަށެވެ. އަދި ޝަކުވާތައް ހުށަހަޅާނީ މި މެއިލް މެދުވެރިކޮށެވެ.

އެތަނުން ނުނީ ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް، ސެކިއުރިޓީޒްގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ އެންމެހާ ހުއްދަތައް ދޫކުރުމާއި، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުޢާމަލާތުތަކުގައި ނޭދެވޭ ޢަމަލުތައް ހިންގިޔަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާ މެދު އިތުބާރު ގެއްލޭފަދަ ޢަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސީއެމްޑީއޭގެ މަސްއޫލިއްޔަތެއް ކަމަށެވެ.