Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

އިސްލާހުން ނޫސްވެރިންނަށް އޮތް ފުރުސަތު ފުޅާވާނެ: އީސީ

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް-

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް އޮތް ފުރުސަތު ހަނިކޮށްފައި އޮތުމުން އެކަމުގެ ކަންބޮޑުވުން އެކިފަރާތްތަކުން ފާޅުކުރަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުން އެ އިސްލާހު ދިފާއު ކޮށްފިއެވެ.

ރިޔާސީ އިންތިހާބު 2023 ގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ އެ އިސްލާހާ ގުޅޭގޮތުން އީސީން ދެކޭގޮތް ހާމަކޮށްފައެވެ.

އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ. ޤާނޫނުގައި މިހާރު އޮތްގޮތުން ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް ކުރިއަށް އޮތް ފުރުސަތު ހަނިކޮށްފައިވާއިރު އެކަމާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޖާނަލިސްޓްސް އެސޯސިއޭޝަންގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ، މިހާރު ގާނޫނުގައި މޮނީޓާކުރެވޭނީ ހުއްދަ ދޭ "ރިޕޯޓަރުން"ނަށް ކަމަށް އޮތުމުން އޭގެތެރޭގައި މީޑިއާތަކުގެ ތަފާތު ގިންތީގެ ފަރާތްތައް ނުހިމެނޭ ކަމަށެވެ.

"ރިޕޯޓަރުންނަށޭ މިހެން އޮތީމަ، ނޫސްވެެރިންގެ ތެރޭގަ ހަމަ އެބަ ހިމެނިވަޑައިގަންނަވާ ކެމެރާމަނުންނާ ތަފާތު ގިންތީގެ ބޭފުޅުން އެބަ ހިމެނިވަޑައިގަންނަވާ. އެހެންމަ އެ ބައި ބަދަލުކުރަން ހުށަހަޅާފަ އޮންނާނީ ނޫސްވެރިންނަށޭ." ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެ އިސްލާހު ހުށަހަޅާފައިވަނީ ނޫސްވެރިންނަށް އޮތް ފުރުސަތު ފުޅާ ކުރުމަށްޓަކައި ކަމަށާއި މި އިސްލާހުން އިންތިހާބުތައް މޮނީޓާކުރުމަށް ނޫސްވެރިންނަށް ލިބިދޭ ފުރުސަތު ފުޅާވާ ކަމަށެވެ.

"އޭރުން ކެމެރާމަނުންނާ ހުރިހާ އެންމެނަށްވެސް، ނޫހުގަ މަސައްކަތްކުރާ އެންމެނަށްވެސް އިލެކްޝަންސް ކޮމިޝަނުން އެ [މޮނީޓާކުރުމުގެ] ފުރުސަތު، އެކްރެޑިޓް ކޮށްފިއްޔާ ފުރުސަތު އެބަ ލިބޭ." ހަބީބް ވިދާޅުވިއެވެ.

އިސްލާހުގައި އިންތިހާބު މޮނީޓާކުރުމަށް ހުއްދަ ދޭނީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިއެކޭ އޮތްއޮތުމާ ގުޅޭގޮތުން ކުރިމަތިވާ ފާޑުކިޔުންތަކާ ގުޅިގެން ހަބީބް ވިދާޅުވީ، މީގެކުރިންވެސް އަމަލު ކުރަމުން އައިސްފައިވަނީ އެގޮތަށް ކަމަށާއި. އެގޮތުން މިހާރުވެސް އިންތިހާބުތަކުގައި އީސީން ފުރުސަތުދެނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ބައިނަލްއަޤްވާމީ މޮނިޓަރުންނާއި އޮބްޒާވަރުންނަށް މި އިސްލާހުގެ ދަށުން އިންތިހާބު މޮނީޓާކުރުމުގެ ފުރުސަތު ނެތްކަމަށް ބުނާ ވާހަކައާ ގުޅިގެން ހަބީބް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ހަބީބް ވިދާޅުވީ މީގެކުރިން ބައެއް ނޫސްތަކުން ސިޔާސީ ގޮތުން ހަރަކާތްތެރިވާ ބޭފުޅުން ރިޕޯޓަރުންގެ ގޮތުގައި ފޮނުވުމުން ހިތި ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށާއި އެހެންދިމާވުމުން ވޯޓުލާ މަރުކަޒުގެ ތެރޭގައި ކެމްޕޭންކޮށް ގާނޫނާ ހިލާފުއަމަލުތައް ކޮށްފައިވާކަން ބައި-އިލެކްޝަންތަކުގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިފަހަރު އީސީއަށް ހުށަހަޅާ ފަރާތްތައް އީސީން އެކްރެޑިޓް ކުރާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ މޮނިޓަރުންނަށް ފުރުސަތު ނުދިނުމުގެ އެއްވެސް ވިސްނުމެއް އީސީގައި ނެތްކަމަށެވެ. އީސީގެ ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އިންތިހާބުތައް މޮނީޓާ ކުރުމުގެ ފުރުސަތު ދިނުންކަމަށް ހަބީބް ވިދާޅުވިއެވެ.