Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ގާސިމްގެ މަރު: އަދުހަމްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ގާސިމް ހަސަން (ކ) , އަދުހަމް މުހައްމަދު (ވ)--

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާލިބޭ އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތު ވެއްޖެއެވެ.

ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި އޮށްވާ ފެނުނީ 2019 ޑިސެމްބަރު ހަތަރުވަނަ ދުވަހުއެވެ. ގާސިމްގެ ކަރަށް އަދުހަމް ވަޅިން ހަމަލާދީފައިވަނީ ގާސިމްގެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެގެންނެވެ. މީގެކުރިން އަދުހަމް ބުނެފައިވަނީ އެކަން ހިނގާފައިވަނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ. މި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި އަދުހަމް ކުށަށް އިއުތިރާފުވިއިރު، އޭނާ ބުުނެފައިވަނީ ހަމަލާ ދީފައިވަނީ ގަސްދުގައި ނޫން ކަމަށެވެ. އަދި ހަމަލާ ދިންއިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށެވެ.

މިމައްސަލައިގައި އަދުހަމްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އަދަބު ކަނޑައަޅާނީ ގާސިމްގެ ވާރިސުންގެ ބަސް ހޯދުމަށްފަހުއެވެ. ދެން މި މައްސަލައިގައި އޮންނާނީ ގާސިމްގެ ވާރިސުންގެ ބަސް ހޯދުމުގެ މަރުހަލާއެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅަމުން މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، ގާސިމަށް ވަޅިން ހަމަލާ ދިންކަމަށް އަދުހަމް އެއްބަސްވާކަމަށެވެ. އަދި އެވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭވެސް ފެނިފައިވާ ކަން ފާހަގަކުރެއްވިއެވެ.

ގާސިމަށް ހަމަލާދިނީ ގަސްތުގައި ނޫންކަމަށާއި އެކަން ހިނގީ މަސްތުގެ ހާލުގައި ހުރެކަމަށް އަދުހަމް ބުނިނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ތަނަށް ބަލައިގެންކަމަށެވެ. އަދި ގާސިމް މަރާލުމުގެ ގަސްދު އަދުހަމްގެ ކިބައިގައި އޮތްކަން ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެވެ.