Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އެމްޕީއެލްއިން ކިޑްސް ކެއާ ސެންޓަރެއް ހުޅުވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމުކުރި ކިޑްސް ކެއާ ސެންޓަރު ހުޅުވައިފި އެވެ.

އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

މާފަންނު ހަވީރީ ހިނގުމުގައި ހުންނަ މ.އޮމަދޫފަންނު ހެދި އެމް.ޕީ.އެލް "ކިޑްސް ކެއަރ" ސެންޓަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ރޭގަނޑު 19:00އަށެވެ. އެމް.ޕީ.އެލް "ކިޑްސް ކެއަރ" ސެންޓަރު ރަސްމީކޮށް ހުޅުވިއިރު 12 ކުދިން ވަނީ އެ ސެންޓަރުގައި ރަޖިސްޓްރީކޮށްފައެވެ. މި ވަގުތު މި ސެންޓަރުގައި ކުދިން ރަޖިސްޓްރީކުރުމަށް ވަކި އުމުރެއް ކަނޑައަޅާފައެއްނުވެ އެވެ.

އެމްޕީއެލްގެ "ކިޑްސް ސެންޓަރ" ހުޅުވުމުގެ ހަފުލާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީ.އީ.އޯ ޝާހިދު ޢަލީ ވިދާޅުވީ މި ޑޭކެއަރ ސެންޓަރު ހެދުމުގެ މައިގަނޑު މަޤްސަދަކީ ސަރުކާރުން އިޖްތިމާޢީ ހަމަޖެހުމާއި، އަންހެނުން ބާރުވެރިކުރުމަށާއި ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރު އަޅައި ސިޔާސަތާ އެއްގޮތަށް، އެމްޕީއެލްގެ މުވައްޒަފުންނަށް ވެސް ލުއި ފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އޮފީހާ ވަރަށް ކައިރީގައި މި ޑޭކެއަރ ސެންޓަރ މި ހުޅުވީ. އެހެންވީމަ، ބްރޭކް ގަޑިތަކުގައި ވެސް ދަރިންނާއެކު ހަމަ ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު މުވައްޒަފުންނަށް ލިބޭނެ،" ޝާހިދު ވިދާޅުވި އެވެ.

އެމް.ޕީ.އެލް "ކިޑްސް ސެންޓަރ" އިން ފޯރުކޮށްދޭ ޙިދުމަތަށް މުވައްޒަފުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ އެވެ.

މި ސެންޓަރުގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ އެ ދާއިރާގެ ފަންނީ ޤާބިލްކަމާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ. މި ސެންޓަރުގައި، ކުދިންނަށް ކުރިއަށް ގެންދާ ޕްރޮގްރާމްތައް ބައްޓަންކޮށްފައިވަނީ އުނގެނުމާއި މުނިފޫހިފިލުވުމުގެ ބައިތައް ހިމެނޭ ގޮތަށެވެ.