Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

ބަޓެލްކޯގެ ޗެއާމަން ރައީސްގެ އަރިހަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ(ބަޓެލްކޯ)ގެ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި، ބަޓެލްކޯގެ ޗެއާމަން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ސަރުކާރުން ޓެލެކޮމިއުނިކޭޝަން ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ކަންކަން ޙިއްޞާކުރައްވައި، އެކަންކަން ކާމިޔާބު ކުރެއްވުމުގައި، ބަޓެލްކޯގެ މެނޭޖްމަންޓުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ސޯލިހާއި ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ(ބަޓެލްކޯ)ގެ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިޔަށް އޮތްތަނުގައިވެސް އެކުގައި ގާތުން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.