Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ރައީސްގެ އަރިސް ބޭފުޅުން އުއްޗުގެ އަރިހަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންތަކެއް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އަރިހަށް ވަޑައިގެންފި އެވެ.

އުއްޗުގެ ކުރެއްދޫ އައިލެންޑް ރިސޯޓްގައި ބޭއްވި މި ބައްދަލުވުމަށް ވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ރައީސް ސޯލިހުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނީ ރައީސް ސޯލިހެވެ. އިންތިހާބުގައި ރައީސް ސޯލިހާއެކު ކުރިއަށްދާން އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން މިހާރު ވަނީ ނިންމާފަ އެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަން ހަދަން ރައީސް ދެއްވި ދައުވަތު ގަބޫލުނުކޮށް އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ. ކޯލިޝަނުގައި ދެން ހިމެނޭ އެމްއާރްއެމުން އިންތިހާބުގައި ކުރިއަށްދާނެ ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.