Last Updated: July 27, 19:05
Saturday, July 27, 2024
މުނިފޫހިފިލުވުން

"ތޫ ޖޫޓީ" 100 ކްރޯޑް ކުލަބަށް

ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރްގެ ޖޯޑު ބޮޑު ސްކްރީނަށް ގެނެސްދިން ފުރަތަމަ ފިލްމު "ތޫ ޖޫޓީ މޭ މައްކާރް" އަށް އިންޑިއާ އިން އިން ލިބުނު އާމްދަނީ 100 ކްރޯޑް ރުޕީސް އިން މައްޗަށް އަަރައިފި އެވެ.

މި މަހުގެ 8 ގައި ރިލީޒްކުރި މި ފިލްމަށް އިއްޔެއާ ހަމައަށް އިންޑިއާ އިން ލިބުނު ޖުމްލަ އާމްދަނީ 101.98 ކްރޯޑް ރުޕީސް (12.4 މިލިއަން ޑޮލަރަށް) އެރި އިރު، އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީއާ އެކީ ފިލްމުގެ ޖުމްލަ އާމްދަމީ މިހާރު ވަނީ 148.91 ކްރޯޑް ރުޕީސް (18.0 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.

މިއާ އެކީ ޑައިރެކްޓަރު ލަވް ރަންޖަން ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިން "ތޫ ޖޫޓީ މޭ މައްކާރު" ވެފައި ވަނީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން 100 ކްރޯޑް ހުރަސްކުރި، އަދި ޝާހްރުކް ޚާންގެ "ޕަތާން" އަށް ފަހު ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށެވެ.

ބޮލީވުޑްގެ ފިލްމެއްގެ އާމްދަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ހަމަކުރުމަކީ އެ ފިލްމެއް ކާމިޔާބީ މިހާރު މިނިކިރާ އެންމެ އާދައިގެ މިންގަނޑެވެ.

"ތޫ ޖޫޓީ މޭ މައްކާރް" އަކީ 200 ކްރޯޑް ރުޕީސް (24.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެވެ. ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މި މަހުގެ ފަހު ހަފުތާއާ ހަމައަށް ވިޔަފާރި ވަރަށް ރަނގަޅުވާނެ ކަމަށް ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ބަތަލާ ރާނީ މުކަރްޖީގެ "މިސިސް ޗެޓަޖީ ވާސަސް ނޯވޭ" ސިނަމާތަކަށް ގެނައި ނަމަވެސް، އެ ފިލްމަށް އެހާ ތަރުހީބެއް ނެތެވެ. އަނެއްކޮޅުން މި މަހުގެ 30 ގައި އަޖޭ ދޭވްގަންގެ "ބޯލާ" ސިނަމާތަކަށް ގެންނާތީ، ރާނީގެ ފިލްމުގެ ވިޔަފާރި އަށް އިތުރު ގޮންޖެހުންތަކެއް ވެސް ކުރިމަތިވާނެ އެވެ.

"ބޯލާ" އަލީ އަޖޭ ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމެވެ. މިއީ 2019 ގެ ތަމަޅަ ފިލްމު "ކައިތީ" ގެ ރިމޭކެކެވެ.