Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

ރޯދަ މަހު ބީއެމްއެލްގެ ހިދުމަތް ލިބޭނެ ވަގުތު ކަނޑައަޅައިފި

ކުރިއަށް އޮތް ރޯދަ މަހު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދޭ ގަޑި ހާމަކޮށްފި އެެވެ.

ބީއެމްއެލް އިން މިއަދު ބުނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވައިގެން ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

ހިދުމަތް ދޭ ގަޑި މަދުކުރި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އިންތިޒާމު ބީއެމްއެލް އިން ވަނީ ހަމަޖައްސާފަ އެވެ.

ބީއެމްއެލް އިން ބުނީ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ރޯދަ މަހު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް ހެދުމާއި އަދި މުސާރަ ޖަމާކޮށްދިނުން ފަދަ ހިދުމަތްތައް ރޯދަ މަހު ދުވަހުން ދުވަހަށް ދެވޭނީ ހެނދުނު 11:00ގެ ކުރިން އެ ހިދުމަތްތައް ހޯދަން ހުށަހެޅުމުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެހެން ބޭންކުތަކުގެ ޗެކް ހެނދުނު 9:00ގެ ކުރިން ޖަމާކޮށްފިނަމަ އެ ދުވަހު ޕްރޮސެސް ކުރެވޭނެ ގޮތް ވެސް ވަނީ ހަދައިދީފަ އެވެ.

އެ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

"ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ ބީއެމްއެލް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯއްދެވުމެވެ." ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.