ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރުގެ ތަޖުރިބާކާރު ވެރިއަކު ރާއްޖެ އަށް ނުލިބޭނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލުނުކޮށް ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ. އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް މިއަދު ވަނީ ކުރިމަތިލާން ހުޅުވާލާފަ އެވެ.
ރޭ "ސަންގު ޓީވީ"ގައި ވާހަކަދައްކަމުން ސައުދު ވިދާޅުވީ ޖޭޕީ ކުރިއަށްދާން ބޭނުން ވަނީ ގާސިމްގެ ތަސައްވުރާއެކު ކަމަށާއި އެވަރުގެ ތަޖުރިބާކާރު ވެރިއަކު ރާއްޖޭގައި ތާރީހުގައި ވެސް ދެން އަންނަން ނެތް ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރެސީ ވެސް ސްޓޭބަލް ވާނީ ގާސިމް ފަދަ ވެރިއަކަށް ފުރުސަތު ދީގެން ކަމަށް ސައުދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މިއަދު މިދަނީ އެ މަގަށް ހެން. ރާއްޖޭގެ ޑިމޮކްރަސީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅާ ރާއްޖޭގެ ވެެރިކަމާއި ހަވާލުވެގެން ނިމުމަކަށް ގެނެސް މިކަން ހަމަޔަކަށް އަޅުވައިދޭނެ މީހަކަށް ވެގެންދާނީ އޮނަރަބަލް ގާސިމް އިބްރާހިމް." ސައުދު ވިދާޅުވި އެވެ.
ރާއްޖޭގައި ޑިމޮކްރެސީގެ މަސައްކަތް ފެއްޓެވީ ގާސިމް ކަމަށާއި ރާއްޖެ އަށް ސްޓޭބަލް އަދި ބަދަލު ހިފުމެއް ނެތި ވެރިކަމެއް ކޮށްދެވޭނެ ބޭފުޅަކީ ގާސިމް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ސައުދު ވިދާޅުވި އެވެ. އަދި ގާސިމް ރިޔާސީ ރޭހަށް ނުނިކުންނާތީ އެކަމާ ކަންބޮޑުވެގެން ވެސް އެތައް ރައްޔިތުންނެއް ގުޅި ކަމަށާއި ޖޭޕީން ރިޔާސީ ކެންޑިޑޭޓެއް ނެރެން ނިންމީ އެ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށް ސައުދު ވިދާޅުވި އެވެ.
ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖޭޕީގެ ލީޑަރު ގާސިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.
ރައީސް ސޯލިހާ އެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއިންނެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމުން އިންތިހާބާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.