Last Updated: May 13, 13:50
Tuesday, May 13, 2025
ޚަބަރު

ގާސިމް، ސަލަފާއެކު މަޝްވަރާކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަމިއްޔަތުއްސަލަފުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުވުމާ ގުޅޭ ތަފްސީލެއް ހާމަކޮށްފައި ނުވާއިރު މިއީ ގާސިމްގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ގާސިމާއެކު މި ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި އެ ޕާޓީގެ ކައުންސިލްގެ މެންބަރު މޫސާ ނިޒާރު އިބްރާހިމް އެވެ.

ސަލަފުގެ ފަރާތުން އެ ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް އާއި ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އާއި އިލްމުވެރީންގެ މަޖިލީހުގެ މެންބަރު ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އާއި އައްޝައިހް އަބްދުއްސަލާމް ދާއޫދް ބައިވެރިވެވަަަޑައިގެންނެވި އެވެ.

ސަލަފުން މީގެކުރިން ވަނީ މިއަހަރުގެ ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ބޭފުޅުންނާއި އެމްއެންޕީއާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޖަމިއްޔަތުއްސަލަފުން ތާއީދުކޮށްފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށެވެ.