Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކޯލިޝަން ރޫޅިއްޖެނަމަ ސަރުކާރު ނޯންނާނެ: ގާސިމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް (ކ) އަދި ރައީސް ސޯލިހު: ފޮޓޯ / ސަން

ކޯލިޝަން ރޫޅިއްޖެނަމަ ސަރުކާރު ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލުނުކޮށް ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފަ އެވެ. އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް މިހާރު ވަނީ ކުރިމަތިލާން ހުޅުވާލާފަ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން އެމްއާރްއެމްއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ 2018 ގައި ވެރިކަމަށް ކުރިމަތިލާން ވިސްނި ކޮންމެ ބޭފުޅަކު ވެސް ހުންނެވީ ޖަލުގައި ކަމަށާއި އޭރު ހަމައެކަނި އޮތް ގޮތަކީ ކޯލިޝަން އެއްބަސްވުމެއް ހަދައިގެން ނިކުމެ މަސައްކަތް ކުރުން ކަމަށާއި ނަމަވެސް މިއަދުގެ މަސްރަހު މުޅިން ތަފާތު ކަމަށެވެ.

އެގޮތުން ވަކިން އިންތިހާބުގައި ވާދަކުރުމުގެ ހައްގު ކޮންމެ ޕާޓީއަކަށް ވެސް އެބައޮތް ކަމަށާއި އެކަމުގެ ސަބަބުން ކޯލިޝަން ރޫޅިއްޖެނަމަ ސަރުކާރެއް ވެސް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެނޭ ކިޔާފައި މިއަދު ކޯލިޝަން ބްރޭކްވީ އެއް ނޫން. ބްރޭކެއް ނުވޭ. އެހެން ކަމަށް ވަންޏާ އެ ބްރޭކްވާއިރު ސަރުކާރެއްވެސް ނޯންނާނެ. ގަވާމެންޓެއްވެސް ނޯންނާނެ އެނގޭތޯ. އޮވެގެން ނުވާނެ." ގާސިމް ވިދާޅުވި އެވެ.

ޖޭޕީން ޕްރައިމަރީ އަށް ހުޅުވާލާފައިވާއިރު އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.