Last Updated: April 27, 10:10
Saturday, April 27, 2024
ޚަބަރު

އައްޑޫ ޕޮލިސް ކޮލެޖްގައި ދެވަނަ ތަމްރީނު ކޯހެއް

އައްޑޫ ޕޮލިސް ކޮލެޖްގައި ކުރިއަށް ގެންދާ ފުލުހުންގެ ދެވަނަ އަސާސީ ތަމްރީނު ޕްރޮގްރާމް ފަށައިފި އެވެ.

މިއީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 35 ވަނަ ބުރެވެ. މި ކޯސް ފެށުމަށް އާދީއްތަ ދުވަހު ޕޮލިސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރެވެ.

އެ ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ފެކަލްޓީތަކުގެ ވެރިންނާއި ފުލުހުންގެ ސީނިއަާ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާ އަދި ޓްރެއިނިން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވި އެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހަކީ ހަތަރު މަސް ދުވަހަށް ކެމްޕަސް މޮޑިއުލްތައް އަދި ޕްރޮބޭޝަން ދެ މަސް ދުވަހާ އެކު ޖުމްލަ ގަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ.
ކޯހުގައި 47 އަންހެން ފުލުހުންނާއި 173 ފިރިހެން ފުލުހުންނާ އެކު ޖުމްލަ 220 ފުލުހުން ބައިވެރިވެ އެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުން ހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދޭނެ އެވެ.