Last Updated: April 23, 16:32
Tuesday, April 23, 2024
ކުޅިވަރު

ކޭންގެ ރެކޯޑް ގޯލުން އިޓަލީ ބަލިކޮށްފި

ޔޫރޯ ކޮލިފައިންގައި ރޭ ހެރީ ކޭން ޖެހި، އިންގްލެންޑްގެ ރެކޯޑް ގޯލުން އެ ޓީމުން 2-1 އިން އިޓަލީ ބަލިކޮށްފި އެވެ.

ކޭން ވަނީ މި މެޗުގައި ޖެހި ލަނޑާ އެކު އިންގްލެންޑްގެ ގައުމީ ޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. އިންގްލެންޑްގެ ކުރީގެ ފޯވާޑް، ވޭން ރޫނީ އެ ޓީމަށް 53 ގޯލު ޖަހައިދީގެން ހެދި ރެކޯޑް ކޭން ވަނީ 54 ގޯލު ހަމަކޮށްގެން މުގުރާލައިފަ އެވެ.

އިޓަލީގައި ރޭ ކުޅުނު މި މެޗުގެ ފުރަތަަމަ ހާފްގައި އިންގްލެންޑްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 13 ވަނަ މިނެޓްގައި ޑެކްލަން ރައިސް ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މެޗުގެ 44 ވަނަ މިނެޓްގައި އިންގްލެންޑް ލިބުނު ޕެނަލްޓީ އަކުން ކޭން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ޖެކް ގްރީލިޝް އަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި އިޓަލީން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓްގައި އިޓަލީގެ ޒުވާން ފޯވާޑް މަޓެއޯ ރެޓަގުއި ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. ރޭގެ މެޗަކީ އޭނާ އިޓަލީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މި ގޯލަށް ފަހު ނަތީޖާ އެއްވަރުކުރަން އިޓަލީ ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އިންގްލެންޑްގެ ޑިފެންސްލައިން ދެވަނަ ފަހަރަށް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފަ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު އިންގްލެންޑްގެ ޑިފެންޑަރު ލޫކް ޝޯ އަށް ދެއްކި ރަތްކާޑާ އެކު އިންގްލެންޑް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މިއީ 1961 ވަނަ އަހަރަށް ފަހު އިޓަލީގެ އަމިއްލަ ދަނޑުގައި ކުޅެ އެޓީމުގެ މައްޗަށް އިންގްލެންޑަށް ހޯދުނު ފުރަތަމަ މޮޅެވެ.