Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ރޯދަ މަހާ އެކީ އައްޑޫގެ ބާޒާރު މައްޗަށް ނަޒަރެއް

ރޯދަ މަހުގެ ފުރަތަމަ ދުވަސް، ހިތަދޫ ބާޒާރު މަތިން / ފޮޓޯ: އައްޑޫލައިވް

ބަރަކާތްތެރި ރަމަޟާން މަހަކީ ދިވެހިންގެ އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މައްސަރެކެވެ. ރޯދަ މަހު ސުފުރާމަތި އާންމު މަސްމަހާއި އަޅައި ކިޔާއިރު ވަރަށް ބޮޑުތަނުންވެސް ތިޔާގިވެއެވެ. އެހެން ކަމުން ބާޒާރު މަތިން ތަކެތީގެ އަގުވެސް ބައެއް ފަހަރު އުފުލިގެންދާ ފަހަރު ދެއެވެ. ރޯދަމަހުގެ ބާޒާރު އަގުތަށް ބައެއް މުދަލުން ބޮޑުވެ އަދި ބައެއް މުދަލުން ހިފެހެއްޓިފައިވެއެވެ.

އައްޑޫގެ ބާޒާރު މަތީ ހާލަތަށް ބަލާއިރު، އާންމުކޮށް ބޭނުންވާ ސާމާނު އެހެން އަހަރުތަކާއި އަޅާ ބަލާއިރު ތަންކޮޅެއް މަތި ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. މީގެ އެއް ސަބަބަކީ ޖީއެސްޓީއަށް އައި ބަދަލާއި އަދި އިންފްލޭޝަންގެ ސަބަބުން ތަކެތީގެ އަގު އުފުލުމެވެ. ނަމަވެސް ބާޒާރުގައި އަގު ހިފެހެއްޓެމަށް ވިޔަފާރިތަކުންވެސް މަސައްކަތް ކުރެއެވެ.

ބައެއް ވިޔަފާރި ކުރާ ފަރާތްތަކާއި ވާހަކަ ދައްކަލުމުން ބުނެފައިވަނީ މިފަހަރު ދަނޑުތަކުންވެސް ބޭނުންވާ މިންވަރަށް ސާމާނު ލިބުން ދަތި ކަމަށެވެ. އެގޮތުން ބަށި އަދި ފަޅޯ ނުލިބޭކަން ފާހަގަ ކުރެއެވެ. ރޯދަ މަސް ފެށުނު އިރު މިރުސްވެސް ބާޒާރު މަތިން ލިބެން ނެތް ކަން ވަނީ ފާހަގަވެފައެވެ. އެގޮތުން އައްޑޫގެ އާބާދީ ބޮޑު ހިތަދޫގެ ގިނަ ފިހަރާތަކުން މިރުސް އެއްގޮތަކަށްވެސް ނުލިބޭއިރު މިހަފްތާ ތެރޭ މިރުސް ލިބޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މި ނޫން ބާވަތްތަކަށް ބަލާއިރު ކަރާ 15ރ. އާއި 30ރ. ދެމެދު އަގުތަކެއްގައި އެވްރޭޖްކޮށް ލިބެން ހުއްޓެވެ. އަދި ބައެއް ފިހަރާތަކުން އެއަށް ވުރެވެސް ކުޑަކޮށް ވިއްކަން ހުރިއެވެ. ކުރުންބާ އުޅެނީ އެވްރޭޖްކޮށް 15ރ. ގައެވެ. ބިސް ގިނަ ވިޔަފާރިތަކުން އައްޑޫގައި 2ރ. އަށް ވިއްކަމުންދާއިރު ރޯދަ މަހާއި ދިމާކޮށް ބައެއް ވިޔަފާރިތަކުން 1.50ރ. އަށް ބިސް ވިއްކަމުން ދެެއެވެ.

އަލުވި 10ރ. އާއި 15ރ. ދެމެދުގެ އަގެއްގައި ވިއްކަމުންދާއިރު، ފިޔާ ހުރީ 9ރ. އާއި 16ރ. އާއި ދެމެދު އަގުތަކެއްގައެވެ. އަދި ރޯދައަށް ބައެއް ވިޔަފާރިތަކުން ފިޔާ އަލުވި ބިސް އެތެރެކޮށް މިއަށް ވުރެ އަގުހެޔޮކޮށްވެސް ވިއްކާފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ބާޒާރު މަތީ ލުނބޯ އަގުބޮޑުވެފައިވާއިރު، ހުރީ 60ރ. އާއި 80ރ. އާއި ދެމެދު އަގުތަކެއްގައެވެ. ކިއުކަމްބަރ ކިލޯއެއް 50ރ. އަށް ހުރިއިރު ފަޅޯ ކިލޯއެއް 30ރ. އަށް ވިއްކަން ވަނީ ޖަހާފައެވެ.

މިއީ ރޯދަ މަހުގެ ފުރަތަމަ ދުވަހު އައްޑޫގެ ބާޒާރު މަތިން ފެނުނު އަގުތަކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގިނަ ވިޔަފާރިތަކުން ވަނީ ބުނެފައެވެ.