Last Updated: March 29, 06:02
Friday, March 29, 2024
ރިޕޯޓް

އައްޑޫގައި ޑެންގީ؛ މަގުތަކުގެ ކާނުތަކުގެ ސަބަބުން ބާ؟

ފެން ހިންދާ ނިޒާމު ޤާޢިމް ކުރުމަށް ހަދާފައި ކާނުތަކުގައި ފެން ހަރުލާފައި / ފޮޓޯ: އައްޑޫލައިވް

މި ހަފްތާގެ އަނގާރަ ދުވަހު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އައްޑޫގައި ޑެންގީ ހުން އިތުރުވެ، ކުރިއަށް އޮތީ ވިއްސާރަ މޫސުމަށް ވުމުން ހުން ފެތުރި ދާނެ ކަމަށް ބަލާ އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އަދި މިދުވަސްވަރު ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މިކަމާއި ގުޅިގެން އައްޑޫލައިވްއާއި އޭއީއެޗްއިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް އައްޑޫއިން ޑެންގީ 33 ކޭސް އެއް ހޮސްޕިޓަލަށް ވަނީ ރިޕޯޓް ކުރެވިފައެވެ. ހުކުރު ދުވަހާއި ހަމައަށް އައްޑޫގެ 4 އަވަށަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވާ ހިތަދޫއިން 27 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މަރަދޫއިން 4 ކޭސް، މަރަދޫ ފޭދޫއިން 1 ކޭސް އަދި ހުޅުދޫ-މީދޫއިން 1 ކޭސް ވަނީ ފެނިފައެވެ.

އައްޑޫގައި ޑެންގީ ހުން ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި މިވަނީ، ކުރިއަށް އޮތް އޮތީ ވިއްސާރަ ދުވަސްތަކަށް ވެފައި، ޑެންގީ ބަލި ފަތުރާ އީޑީސް މަދިރި އާލާ ވުމުގެ ފުރުސަތު މިވަގުތު ބޮޑުވެފައިވުމުންނެވެ. މަދިރި އާލާވަނީ ފެން ހަރުލާފައި ހުންނަ ތަންތަނުގައެވެ.

ޑެންގީ އާއި ގުޅޭނީ މަގު ހެދުމުގެ މަސައްކަތަށް ކޮނެފައިވާ ކާނުތައް!

މަދިރި އުފެދޭ މިންވަރު އިތުރުވުމާއި ގިނަ ބަޔަކު ގުޅުވާލީ އައްޑޫގެ މަގުތަށް ހެދުމުގެ މަސައްކަތުގެ ތެރެއިން، ފެންހިންދާ ނިޒާމަށް ބޭނުންވާ ކާނުތައް މަގުތަކުގެ އަރިމަތީ ހަދާފައި މަތި ނުޖަހާ ފެން ހަރުލާގޮތަށް ހުރުމެވެ. މިގޮތަށް ހުންނަ ކާނުތަކުގައި އެކި މަދިރި އާލާވެ މަދިރީގެ އުނދަގުލާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

ފެން ހިންދާ ނިޒާމު ޤާޢިމް ކުރުމަށް ހަދާފައި ކާނުތަކުގައި ފެން ހަރުލާފައި / ފޮޓޯ: އައްޑޫލައިވް

އައްޑޫގެ މަގުތަށް ހެދުމަށް އެފްކޮންސް ކުންފުންޏާއި ހަވާލު ކޮށްފައިވާއިރު، ފެން ހިންދާ ނިޒާމު ޤާއިމް ކުރަނީ ރާއްޖޭގައި މިވަގުތު އަޅާފައިވާ ފެން ހިންދާ ނިޒާމުތަކާއި ތަފާތުކޮށެވެ. އެއީ މަގުގެ ދިގަށް އަރިމަތީގައި ކޮނެ، ކަންޒެއް ހަދައި އެ ކާނުތައް ގުޅުވާލުމަށް ވަނީ ތައްޔާރުކުރެވިފައެވެ. މިމަސައްކަތް މިހާރު ވަރަށް ބޮޑުބައި ނިމިފައިވާއިރު، ބައެއް މަގުތަކުގައި ކާނުގައި މަތި އަޅައި ވަނީ ނިންމާލާފައެވެ. ނަމަވެސް މިހާރުވެސް ގިނަ މަގުތަކުގައި މި ކާނުތަކުގެ މަސައްކަތް ނިންމުމަށް ފަހު އިތުރު މަސައްކަތެއް ކުރިއަށް ނުގޮސް ވަނީ ދޫކޮށްލާފައެވެ.

މިގޮތަށް ހުރި ކާނުތަކުގައި މަތިވެސް އަޅާފައި ނެތުމުން، މި ކާނު ގަނޑުތަކުގައި މަދިރި އާލާ ވުމުގެ އިތުރަށް، ދިރޭ ތަކެތި އޭގެ ތެރެއަށް ވެއްޓި ފެންގަނޑު ނަޖިސް ވުމާއި އަދި ޗަކަވެފައިވެއެވެ. މީގެ ސަބަބުން ގޭގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ފެން ހިންދާ ނިޒާމު ޤާޢިމް ކުރުމަށް ހަދާފައި ކާނުތަކުގައި ފެން ހަރުލާފައި / ފޮޓޯ: އައްޑޫލައިވް

އަދި ކާނުތަކުގައި މަދިރި އުފެދޭތީ ބައެއް ގެތަކުގެ މީހުން އެކި ޒާތުގެ ބޭސް އަޅައިގެން ވެސް ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް އައްޑޫލައިވް އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

އައްޑޫގެ މަގުތައް ހެދުމަކީ މައްސަލައެއް ނޫނެނެވެ. ރަނގަޅު ފެންވަރެއް ފެން ހިންދާ ނިޒާމެއް ވެސް ޤާއިމް ކުރަންވީއެވެ. ނަމަވެސް މިގޮތަށް ކާނުތައް ހެދުމަށް ދޫކޮށްލުމުން ރަށު ތެރޭގައި ބަލިމަޑުކަމަކަށް ފުރުސަތު ދެވޭ ކަން ކަމާއި ބެހޭ އިދާރާތަކުން ވިސްނާލަން ޖެހެއެވެ. މިމައްސަލައަށް ހައްލެއް ހޯދުމަކީ އެ ފަރާތްތަކުގެ ޒިންމާއެކެވެ. ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެެވެ. މިއާއެކު ޑެންގީ ފަދަ ބަލިތައް އިތުރުވެ ނުރައްކާތެރި ހާލަތަކަށް ދިއުމަކީ ފިޔަވަޅު ނާޅައިފި ނަމަ ދުރުނޫން ކަމަކެވެ.