ނަބީއްޔާގެ ސީރަތުން ތަރުބަވީ ހަޔާތަށް އެތައް ބަދަލެއް ގެނުވާނެ ކަަމަށް ޑރ. އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޑރ. ޒާހިރު މިހެން ވިދާޅުވީ، އައްޑޫ ހައިސްކޫލުގެ ހޯލުގައި މިރޭ ކުރިއަށްދިޔަ ރޯދަމަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އަތޮޅުތެރޭ ބޭއްވި ފުރަތަމަ ފޯރަމުގައި ތަޤްރީރު ކުރައްވަމުންނެވެ. މި ތަޤްރީރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިޙް އަނީލްވެސް ވަނީ ތަޤްރީރު ކުރައްވާފައެވެ. ހައި ސްކޫލު ހޯލުގައި ބޭއްވި ފޯރަމްގައި ތަޤްރީރު ކުރައްވާފައިވަނީ ”ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން” މި މައުޟޫޢަށެވެ.
ހުކުރު ދުވަހު ރޭ ބޭއްވި އިހުޔާ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ނައިބް ރައީސް ފައިސަލް ނަސީމް އަދި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ މާތް ނަބީއްޔާގެ ސީރަތަކީ ކިޔައި، އަޑުއަހައި، ފޫހިނުވާނެފަދަ ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމެއްކަމަށެވެ. މިގޮތުން އަޅުކަންތަކާއި، މީހުންނާއި މުޢާމަލާތުކުރައްވާ ގޮތާއި، އެކަލޭގެފާނުގެ އަޙްލާޤުގެ މައްޗަށް ޑރ. އަލީ ޒާހިރުގެ ވާހަކަފުޅު ބިނާ ކުރެއްވިއެވެ.
ޑރ. ޒާހިރު ވާހަކަ ފުޅުގައި، އިންސާނެއްގެ އަޅަކަށްވުމަކީ ނިކަމެތިކަމެއް، ދެރަކަމެއް ކަމަށާއި އެހެންނަމަވެސް މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ އެ އަޅަކަށް ލިބޭ މަތިވެރިކަމެއް އަދި ޝަރަފެއްކަމަށް ވިދާޅުވި އެވެ. އަދި ރަސޫލާގެ ޙަޔާތްޕުޅުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް އިސްކަންދެއްވާ މިންވަރު ތަފްސީލުކޮށްދެއްވިއެވެ. މިއާއެކު ރޯދަހިއްޕެވުމާއި، ޞަދަޤާތްކުރެއްވުމުގައި ޢަމަލު ކުރެއްވި ގޮތްތަކަށް ބައްލަވައި އެކަލޭގެ ފާނުގެ ޙަޔާތްޕުޅުގައި ދިމާވެފައިވާ އެކިއެކި ހާދިސާތަކަށް ވަނީ ތަފްސީލީ ގޮތަކަށް ބައްލަވައިލައްވާފައެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް ތަޤުރީރުކުރައްވަމުން، ރާސޫލާގެ ރިވެތި އަޚްލާގުފުޅަށް ތަފްސީލު ކޮށްދެއްވިވިއެވެ. އެގޮތުން މުޢާމަލާތް ކުރައްވާއިރުވެސް އެމީހަކީ ވަރަށް މުހިންމު މީހެއްކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާކަން ފާހަގަކުރައްވައި އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި އޭގެ ބައެއް މިސާލުތައް ތަފްސީލުކޮށްދެއްވިއެވެ. އަދި އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ވިސްނައި އެގޮތަށް އަޅުގަނޑުމެން ޢަމަލުތައް ބައްޓަން ކުރަން ޖެހޭކަން ޝެއިޙް ފާހަގަ ކުރެއްވިއެވެ
މީގެ އިތުރުން އޯގާތެރިކަމާއި ހިތްހެޔޮކަމަކީ، ރަސޫލާގެ ކިބައިގައި އާދަޔާ ޚިލާފަށް ހުންނެވި ކަންކަން ކަމަށްވެސް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ފޯރަމް ނިންމާލުމަށް ފަހު އިހްޔާ ފޯރަމުގައި ބައިވެރި ފަރާތްތަކުގައި މެދުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ތަފާތު ހަދިޔާތައް ވަނީ ދެވިފައެވެ.
އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އޮންނާނީ މިމަހުގެ 31 ވާ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނަ އިޙްޔާ ފޯރަމެވެ.