Last Updated: April 24, 06:35
Wednesday, April 24, 2024
މީހުން

ލޭ ހަދިޔާކޮށްގެން ދުނިޔޭގެ ރެކޯޑެއް

ލޭ ހަދިޔާކޮށްގެން ކެނެޑާގެ 80 އަހަރުގެ އަންހެނަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.

ޖޯސެފީން މިޝެލަކް ކިޔާ ކެނެޑާގެ އަލްބާޓާ އަށް ނިސްބަތްވާ މީހާ އަށް ރެކޯޑް ލިބުނީ މިހާތަނަށް އެންމެ ގިނައިން ލޭ ހަދިޔާކުރި އަންހެނާގެ ރެކޯޑެވެ. އޭނަ މިހާތަނަށް 203 ފަހަރު ލޭ ދީފައިވެ އެވެ. ހަތަރު ދަރިންގެ މަންމަ ބުނި ގޮތުގައި ލޭ ހަދިޔާކުރަން ފެށުނީ އުމުރުން 22 އަހަރުގައި 1965 ގަ އެވެ. އޭގެ ފަހުން އޭނަ އަންނަނީ ލޭ ހަދިޔާ ކުރަމުންނެވެ. އިންސާނިއްޔަަތަށް ކުރަމުން މި އަންނަ ހިދުމަަތުގެ ތެރެއިން ޖޯސެފީން އަށް ލޭ ހަދިޔާ ނުކުރެވި ދިޔަ ދުވަސްތަކަކީ ދަރިންނަށް ބަލިވެއިން ދުވަސްތަކެވެ.

އޯ ޕޮޒިޓިވް ލޭ ހުންނަ ޖޯސެފީން ބުނި ގޮތުގައި ލޭ ހަދިޔާ ކުރަން ފެށުނި އޭނަގެ ދައްތަގެ ސަބަބުންނެވެ.

"ދައްތަ އަކީ ގަވާއިދުން ލޭ ހަދިޔާކުރަމުން އައި މީހެއް. އެއް ފަހަރެއްގައި ޔާކުރަން ދާން އެޕޮއިންޓްމަންޓެއް ހަދާފައި އޮތް ދުވަހަކު އަހަރެން ގޮވައިގެން ދިޔައީ." ޖޯސެފީން ބުންޏެވެ. "އެ ދުވަހު ހިތަށް އެރީ ދެން އޮތީ އަހަރެން މިކަން ފެށުމޭ. އެ ހިސާބުން އަސްލު މީގެ ތެރެއަށް ވަދެވުނީ."


އޭނަ ބުނި ގޮތުގައި ލޭ ހަދިޔާ ކުރުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި އެންމެ ފަހު ނޭވައާ ހަމައަށް ވެސް މިކަމުގައި ދެމިހުންނާނެ އެވެ. ލޭ ހަދިޔާކުރާ މީހުންނަށް އެމެރިކާގައި އެކަން ހުއްޓާލަން ވަކި އުމުރެއް ކަނޑައަޅައިފައެއް ނުވެ އެވެ. އެ މީހަކީ ރަނގަޅު ސިއްހަތެއްގައި ހުރި މީހެއް ނަމަ ކިތަންމެ ދުވަސްވީ މީހަކަށް ވެސް ލޭ ހަދިޔާކުރެވޭނެ އެވެ.

"އެހެންވެ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ޖޯސެފީން ބުންޏެވެ.

އޭނަ ބުނީ ލޭ ހަދިޔާކުރާ މީހުން މަދުކަން މިހާރު ފާހަގަވާ ކަމަށެވެ. އެހެންވެ ޖޯސެފީންގެ ނަސޭހަތަކީ ވީހާ ވެސް ގިނަ ބަޔަކު ލޭ ހަދިޔާކުރުމެވެ.

"ލެއަށް އޮންނަ ޑިމާންޑް އަބަދު ވެސް ވަރަށް ބޮޑު. އެހެންވެ އެބަޖެހޭ ކޮންމެ މީހަކީ ވެސް ލޭ ހަދިޔާކުރާ މީހަކަށް ވާން." އޭނަ ބުންޏެވެ. "އެކަމަކު ފާހަގަކުރެވެނީ ލޭ ހަދިޔާކުރާ މީހުން މިހާރު މަދުކަން."

ޖޯސެފައިން ބުނީ ލޭ ހަދިޔާކޮށްގެން ރެކޯޑެއް ލިބުމަކީ ކުރިން އެއްގޮތަކަށް ވެސް އުންމީދުކުރި ކަމެއް ނޫނެވެ. އެކަމަކު ދުނިޔޭގެ ރެކޯޑް ފޮތަށް ނަން އެރުމުން ވަރަށް އުފާވި ކަމަށް ބުންޏެވެ.

ކުރިން އެންމެ ގިނައިން ލޭ ހަދިޔާކުރި އަންހެނާގެ ރެކޯޑް އޮތީ އިންޑިއާގެ މަދޫރާ އަޝޯކް ކުމާރަށެވެ. އޭނަ 117 ފަހަރު ލޭ ހަދިޔާކޮށްފައިވެ އެވެ.