Last Updated: April 20, 07:18
Saturday, April 20, 2024
ދުނިޔެ

އިންޓެލްގެ ދެވަނަ ބާނީ ވެސް މަރުވެއްޖެ

ކޮމްޕިއުޓަރު ފަދަ ސާމާނު އުފައްދާ މަޝްހޫރު ޓެކް ކުންފުނި، އިންޓެލްގެ ބާނީންގެ ތެރޭގައި ހިމެނުނު ޑރ. ގޯޑަން މޯ މަރުވެއްޖެ އެވެ.

އުމުރުން 94 އަހަރުގައި އޭނަ މަރުވި ވާހަކަ އިންޓެލް އިން މިއަދު ޓްވީޓް ވެސް ކޮށްފައިވެ އެވެ. އެ ޓްވީޓްގައި ބުނެފައި ވަނީ ކުންފުނީގެ ވިޝަނަރީ ލީޑަރު މަރުވެފައިވާ ކަމަށެވެ. މީގެ 54 އަހަރު ކުރިން އިންޓެލް ވުޖޫދަށް ގެނައި މޯ އާއި ރޮބަޓް ނޯއިސް ގުޅިގެންނެވެ. ރޮބަޓް ވަނީ 62 އަހަރުގައި 1990 ގައި މަރުވެފަ އެވެ.

އިންޓެލް އަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ޓެކް ކުންފުންޏެވެ. އަދި އެ ދާއިރާގެ ތެރެއިން މޯގެ ނަމާ ގުޅުވައިގެން "މޯސް ލޯ" ގެ ނަމުގައި ކޮމްޕިއުޓަ ޕްރޮސެސިން އަށް ހާއްސަ "ގާނޫނެއް" ވެސް ވުޖޫދަށް ގެނެސްފައިވެ އެވެ. އިންޓެލްގެ މުވައްޒަފުންގެ އަދަދު 131،900 އަށް ވުރެ ގިނަ އެވެ.

އެމެރިކާގެ ސެން ފްރާންސިސްކޯ އަށް އުފަން މޯ މަރުވި އިރު، އޭނަގެ މިލްކިއްޔާތު 7 ބިލިއަން ޑޮލަރަށް އަރަ އެވެ.