Last Updated: April 20, 09:35
Saturday, April 20, 2024
މުނިފޫހިފިލުވުން

ބަތަލާ ނީލޫގެ ފިރިމީހާ މަރުވެއްޖެ

ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ ބަތަލާ ނީލޫ ކޯލީގެ ފިރިމީހާ ހަރްމިންދަރު ސިންގް ކޯލީ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ހަކުރުބަލި ވެސް ހުންނަ ހަރްމިންދަރު މަރުވީ އިއްޔެ މެންދުރު ފަހު ފާހާނާ ތެރެއަށް ވެއްޓިގެން ަކަމަށެވެ. އާއިލާގެ ބަޔަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ހަރްމިންދަރު ބޭރުގައި އުޅެފައި ގެއަށް ގޮސް ފާހާނާ އަށް ވަން ގޮތަށް ޚަބަރެއް ނުވެގެން ގޮސް ބެލި އިރު އޭނަ އޮތީ ފާހާނާ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ވެސް ގެންދިޔަ ކަމަށާއި އޭރު ވެސް އޭނަ އޮތީ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ނީލޫ އާއި ހަރްމިންދަރަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.

މިހާރު ވެސް ފިލްމުތަކާއި ސިލްސިލާތަކުގެ އިތުރުން ވެބް ސީރީޒްތަކުން ވެސް ފެންނަ ނީލޫގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަމީތާބް ބައްޗަންގެ "ގުޑް ބާއި" އެވެ. ނީލޫ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "މަންމަރުޒިޔާ"، "ހިންދީ މީޑިއަމް"، "ހައުސްފުލް 2"، "ބްރޭކް ކޭ ބާދު" އަދި "ދިލް ކިޔާ ކަރޭ" ހިމެނެ އެވެ.

ޓީވީ އިޝްތިހާރުތަކުން ވެސް ފެންނަ ނީލޫ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ނާމްކަރަން"، "ޖަމާއީ ރާޖާ" އަދި "ޔޭ ޖުކީ ސީ ނަޒަރު" ފަދަ ސިލްސިލާތައް ހިމެނެ އެވެ. ނީލޫގެ އެންމެ ފަހުގެ މަސައްކަތަކީ މި މަހުގެ 31 ގައި ޒީ5 އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސީރީޒް "ޔުނައިޓެޑް ކައްޗޭ" އެވެ.