Last Updated: April 24, 12:56
Wednesday, April 24, 2024
ރިޕޯޓް

މަގުތައް ނުނިމެނީސް ބެރިކޭޑު ދުރުކޮށް ދުއްވަނީ!

އައްޑޫ އަށް ސިޓީއެއްގެ ދަރަޖަ ދިންތާ 11 އަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. ސިޓީގެ ދަރަޖަ ލިބުނަސް ސިޓީއެއްގެ ސިފައެއް ނެތެވެ. އެއީ ނަމެއްގައި ލިބިފައި އޮތް ދަރަޖައެއް ގޮތުގައި ގިނަ ބަޔަކަށްވަނީ ޤަބޫލުކުރެވިފަ ނަމަވެސް އަބަދުވެސް އާބާދީގެ ގޮތުން ދެވަނައަށް އެންމެ ބޮޑު ސަރަހައްދަށް ވުމުން ގިނަ ރައްޔިތުންގެ ފޮނި އުއްމީދުތަކެއް މި ސިޓީއާއި ގުޅިފައި އޮތެވެ.

މަގުތައް ރަނގަޅު ފެންވަރަށް ހެދި ވަޒީފާގެ ފުރުސަތު ފަހިވެ، ރައްޔިތުން ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ލިބޭނެހެން އިންތިޒާމުތައް ބައްޓަންވެގެން ދިއުމެވެ. ސިޓީގެ ދަރަޖަ ކަރުދާހުގައި ހަމައެކަނި އޮތުން ބަދަލުކޮށް ދިރިއުޅުމުގެ ހާލާތުންވެސް އެކަން ދައްކުވަން ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ.

ރައްޔިތުންގެ ވިންދާއި ގުޅިފައިވާ އައްޑޫ ޑެވެލޮޕްމެންޓް ޕްރޮޖެކްޓް

އައްޑޫސިޓީ ތަރައްްޤީ ކުރުމަކީ ހުރިހާ ސަރުކާރަކުންވެސް މިހާތަނަށް ވަޢުދު ވެފައިވާ ކަމެކެވެ. ނަމަވެސް އެ ވަޢުދު ފުއްދުމަށް އެދެވޭ މަސައްކަތެއް މީގެ ކުރީން ކުރެވުނު ސަރުކާރެއް ނެތެވެ. ކޮންމެވެސް ވަރެއް ނުކުރަނީއެއް ނޫނެވެ. އެކަށީގެންވާ ވަރުގެ އަހަމީއްޔަތުކަމެއް ނުދެވެނީއެވެ.

އައްޑޫއަށް ސިޓީގެ ލަޤަބާއި އެންމެ ބޮޑަށް ގުޅުވާލުމަށް ފެންނަން އޮތީ އައްޑޫ މަގުތަކެވެ. މި ސަރުކާރުން އައްޑޫގައި 100 ކިލޯމީޓަރުގެ މަގު ހެދުމަށް ހަވާލުކޮށް އެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. ކުރަން ހަވާލުކުރީ ކުޑަ މަސައްކަތެއް ނޫނެވެ. އައްޑޫގެ ހުރިހާ އަވަށެއްގެ އާންމުކޮށް ބޭނުން ކުރާ ހުރިހާ މަގެއްހެން ތަރައްްޤީ ކުރުމުގެ މަސައްކަތެވެ.

ފެން ހިންދާ ނިޒާމެއް ނެތި، އެއްވެސް ޕްލޭނެއް ނެތި ހޮޅި އަޅައި ކޭބަލް ވަޅުލާފައިވާ މަގުތަކެއް އެ ނިޒާމެއްގެ ތެރެއަށް ގެނައުމުގެ ބުރަ މަސައްކަތް ސަރުކާރުން ހަވާލުކުރީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. އަދި ބައެއް މަގުތައް ހަދަން ޖީކެޑީ ކުންފުންޏާއިވެސް ވަނީ ހަވާލުކޮށްފައެވެ.

މިއަހަރު ފެބްރުއަރީ މަހުން ފެށިގެން ތާރު އެޅި މަގުތައް ރައްޔިތުންނަށް މިވަނީ ފެންނަން ފަށާފައެވެ. މަގުތައް ރަނގަޅު ފެންވަރެއްގައި ހެދި ތަރައްޤީގެ ކަޅު ކުލަ ރައްޔިތުންގެ ލޮލަށް މިއޮތީ ފެންނަން ފަށާފައެވެ. ނަމަވެސް ހިތާމައަކީ މިމަސައްކަތް ކުރިއަށްދާއިރު ބައެއް ފަހަރު މަގުތަކުގެ މަސައްކަތް ނުނިމެނީސް މަގުތަކަށް ގެއްލުންވާ ގޮތަށް ބޭނުން ކުރަމުންދާ ކަމެވެ.

ޕްލޭނިންގް މިނިސްޓްރީގެ ވެސް ކަންބޮޑުވުން އޮތް މައްސަލައެއް

މަގުތަކުގައި ކޮންމެ ކަމެއް ކުރިއަސް އެ މަސައްކަތް ކުރުމަށް އޮންނަ އުސޫލުން ކުރުމަށް ފަހު ބޭނުން ކުރުމުގެ ކުރީން ވަގުތު ދޭން ޖެހެއެވެ. މިގޮތުން ތާރު އެޅުމަށް ފަހުވެސް ބޭނުން ކުރުމުގެ ކުރީން ކަނޑައެޅިފައިވާ އޮންނަ ވަގުތު ދޭން ޖެހެއެވެ. މިގޮތަށް ވަގުތު ދިނުމަށް މަގުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮންނަ އިރުވެސް ބައެއް ފަރާތްތަކުން ބޭރިކޭޑް ދުރުކޮށްލާފައި މަގުގައި ދުއްވާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

މިމައްސަލާގައި ސުވާލުކުރުމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް އެއީ މިހާރުވެސް ދިމާވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އެގޮތުން ހިތަދޫގެ އޮޑައްސަލި ވަލުގެ ކޮޑަގެދަރި މަގުގައި ތާރުއަޅަމުން ދިޔަ އިރު ދިމާވި ކަމެއް ހިއްސާ ކުރިއެވެ.

" ތާރު އެޅުމަށް ސްޕްރޭ މިކުރަނީ މަގަށް. އެހެން ސްޕްރޭ ކޮށްފައި ބަނދުކޮށްފައި އޮއްވައި މަގު ބޭނުން ކޮށްފައި އެބަހުރޭ އަނެއް ދުވަހު ދާއިރު، މިގޮތަށް ވުމުން އަލުން ކުރިން ކުރި މަސައްކަތް ކުރަން އެބަ ޖެހޭ" ސޯބެ ވިދާޅުވިއެވެ.

މީގެ އިތުރުން ތާރު އެޅުމަށްފަހުވެސް މަދުވެގެން 3 ދުވަސް ވަންދެން މަގު ބޭނުން ނުކޮށް ބާއްވަން ޖެހޭ ކަމަށް ސޯބެ ވިދާޅުވިއެވެ. މިގޮތަށް ބާއްވާފައި އޮންނައިރު ބައެއް ފަހަރު ބެރިކޭޑު ދުރުކޮށް މަގުން ދުއްވާ މަގަށް ގެއްލުންވާ ގޮތަށް މަގު ބޭނުން ކޮށްފައި ހުންނަ ކަމަށް ވިދާޅުވިއެވެ. މިހެން ވުމުން މަގުގައި ވަޅުގަނޑު ހެދި މަގުގެ ހަލާކުވާން ދިމާވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މަގު ބޭނުން ކުރާ ފަރާތްތަކުން ހޭލުންތެރި ވުން މުހިންމު

އައްޑޫގެ މަގުތައް ހަދަނީ އައްޑޫގެ އެންމެން ބޭނުން ކުރުމަށެވެ. މަގު ހެދުމުގެ ފެންވަރާއި މެދު ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ކަމާއި ބެހޭ ފަރާތާއި ހިސާބަށް ފޯރުކޮށްދޭންވީއެވެ. އަދި އެކަމެއްގެ އަޑުވެސް އުފުލަންވީއެވެ. ނަމަވެސް މަގު ބޭނުން ކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ހުޅުވާ ނުލާ އޮއްވާ އުޅަނދުތައް ދުއްވައިގެން، މަގު ހަލާކުވުމުގެ ސަބަބުން ލިބޭ ދެރައަކީ ރައްޔިތުންނަށްވެސް ލިބޭ ދެރައެއް ކަން ހަނދާން ކުރަން ޖެހެއެވެ.

އެމީހެއްގެ ގޭ މަގު ރީތިކޮށް ރަނގަޅު ފެންވަރެއްގައި އޮތުމަކީ އެންމެންގެ ވެސް ބޭނުންވާ ގޮތެވެ. އެހެން ކަމުން އަޅުގަނޑުމެން އެންމެންވެސް ހޭލުންތެރިވާން އެބަ ޖެހެއެވެ. ނޭނގި ނަމަވެސް މިފަދަ ގޮތަކަށް އަމަލު ކުރާތަން ފެނިއްޖެ ނަމަ ހުއްޓުވާ ނަސޭހަތްތެރިވާން ޖެހެއެވެ.

ޗަކަ ވަޅުގަނޑުތައް ހުރި މަގުތައް ހެދުމަށް ފަހުވެސް ތާރު ވަޅުގަނޑު ހެދުމަކީ ސިޓީއެއްގެ ލަޤަބު ލިބިފައި އޮންނައިރު ރީތި މަންޒަރަކަށް ނުވާނެއެވެ. ހޭލުންތެރިން ވާންވީއެވެ. ހޭލުންތެރި ކޮށްދޭން ވީއެވެ. އެންމެންގެ ވެސް މަގެވެ. އަދި ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ދަރީންވެސް ބޭނުން ކުރާނެ މަގެވެ.