Last Updated: April 25, 09:40
Thursday, April 25, 2024
ކުޅިވަރު

މޮރޮކޯ އިން ބްރެޒިލް ބަލިކޮށްފި

އެކުވެރިކަމުގެ މެޗެއްގައި ރޭ މޮރޮކޯ އިން ބްރެޒިލް 2-1 އިން ބަލިކޮށްފި އެވެ.

މޮރޮކޯ އަކީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދި ޓީމެވެ. ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން ކެޓި ބްރެޒިލް އަކީ އަދިވެސް ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ޓީމެވެ.

މޮރޮކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓްގައި ސޫފިއާން ބޫފަލް ވަނީ މޮރޮކޯ ޓީމަށް ލީޑު ނަގާދީފަ އެވެ. މި ގޯލު ބޫފަލް ކާމިޔާބު ކުރީ ބްރެޒިލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ބްރެޒިލްގެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މޮރޮކޯ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ 67 ވަނަ މިނެޓްގައި ބްރެޒިލްގެ އާ ކެޕްޓަން ކަސެމީރޯ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ގޯލަކީ މޮރޮކޯގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ކަސެމީރޯ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. މި މެޗުން މޮރޮކޯ މޮޅުވި ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަބީރީ އެވެ.

މިއީ މޮރޮކޯގެ ތާރީހުގައި ވެސް ބްރެޒިލްގެ މައްޗަށް އެޓީމުން ހޯދި ފުރަތަމަ މޮޅެވެ.

ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު ގިނަ ބައެއްގެ ލޯބި ލިބިފައިވާ މޮރޮކޯ އިން ވަނީ ވޯލްޑް ކަޕްގައި ސްޕެއިން އާއި ޕޯޗުގަލް އަދި ބެލްޖިއަމް ފަދަ ޓީމުތައް ބަލިކޮށްފަ އެވެ. ވޯލްޑް ކަޕްގައި ނެރުނު ނަތީޖާތަކާއެކު މޮރޮކޯ ވަނީ ފީފާ ރޭންކިންގެ 11 އަށް އަރައިފަ އެވެ.