Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ސަލްމާނާ އެކީ ކަރީނާއެއް ނޫން، ޕޫޖާ

ސަލްމާން ޚާންގެ ކާމިޔާބު ފިލްމު "ބަޖުރަންގީ ބައިޖާން" ގެ ސީކްއެލްގެ ބަތަލާގެ ރޯލު ކުޅޭނީ ކަރީނާ ކަޕޫރްގެ ބަދަލުގައި ޒުވާން ބަތަލާ ޕޫޖާ ހެގްޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަރަމުން އަންނަ 32 އަހަރުގެ ބަތަލާ އަކީ ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ސަލްމާންގެ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ބަތަލާ އެވެ. އަދި މި ފިލްމަކީ ސަލްމާނާއި ޕޫޖާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މި ދެ ތަރިން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އެރި އެވެ. އަދި ޕޫޖާ އަށް ސަލްމާން މިހާރު ގިނަ ފުރުސތުތަކެއް ފަހިކޮށްދޭން މަސައްކަތްކުރާ ކަމަށާއި އޭނަ ޕްރޮޑިއުސްކުރާ ދެތިން ފިލްމަކަށް ޕޫޖާ ނަގަން ނިންމާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޑައިރެކްޓަރު ކަބީރް ޚާން 2015 ގައި ގެނެސްދިން "ބަޖުރަންގީ ބައިޖާން" ގެ ސީކްއެލް "ޕަވަން ޕުތުރާ" ގެ ނަމުގައި ހަދާ އިރު، އޭގެ ބަތަލާގެ ރޯލު ކުޅޭނީ ޕޫޖާ ކަމަށެވެ. އެކަމަކު އެ ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރާތީ އެކަމުގެ ކަށަވަރު ކަމެއް އަދި ނުލިބެ އެވެ.

އަނެއްކޮޅުން ކަބީރް "ޕަވަން ޕުތުރާ" ޑައިރެކްޓްކުރާނެ ކަމެއް ވެސް ސާފެއް ނުވެ އެވެ. އޭނަ ކުރިން ދިން އިންޓަވިއުއެއްގައި ސީކްއެލްތަކަކީ ގަބޫލުކުރާ އެއްޗެއް ނޫން ކަމަށް ބުނެފައިވެ އެވެ. ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގްއާ އެކީ ގެނެސްދިން 2021 ގެ "83" އެވެ.

"ޕަވަން ޕުތުރާ" ގެ ސްކްރީންޕްލޭ ވެސް ލިޔަނީ "ބަޖްރަންގީ ބައިޖާން" ގެ ސްކްރީން ރައިޓަރު ކޭވީ ވިޖެޔންދުރަޕްރަސާދެވެ. އޭނަ އަކީ "އާރްއާރްއާރް އާއި "ބާހްބަލީ" ގެ ސްކްރީން ރައިޓަރު ވެސް މެ އެވެ. އަދި އެ ފިލްމުތައް ޑައިރެކްޓްކުރި އެސްއެސް ރާޖަމޯލީގެ ބައްޕަ އެވެ.