Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހުޅުދޫ ފަޅު ގޯތިތަކުގެ އުނދަގޫ ރައްޔިތުންނަށް!

ގެދޮރު ދޫކޮށް މާލެ އަށް ހިޖުރަކޮށް، "ފެންވަރުގައި" އުޅޭ މީހުންގެ ފަޅުގޯތިތަކާ ހެދި ހުޅުދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް ވިދާޅުވެ އެކަމަށް ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު ފާޑު ވިދާޅުވެއްޖެ އެވެ.

"ޖަންގަލިވެފައިވާ" ހުޅުދޫގެ ފަޅު ގޯތިތަކެއްގެ ފޮޓޯތަކަކާ އެކީ އޭނަ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަޅުވެ، ވީރާވެފައިވާ ގޯތިތަކުގެ އުނދަގޫ ރަށުގައި އުޅޭ ނިކަމެތި ރައްޔިތުންނަށް ބޮޑު އުނދަގުލަކަށްވެފައިވާ ކަމަށެވެ.

"އުފަލާއި އަރާމުގައި ވެރިކަންކުރާ މާލޭގައި ދިރިއުޅޭ، ބިން ގަނެގެން ގެދޮރު ބިނާކޮށް ފްލެޓް ގަނެ، މިލްކުކޮށް މާލޭގެ ރަށްވެހިކަން ހޯދައިގެން ތިބި ހުޅުދޫގެ ދަފުތަރު ރައްޔިތުންގެ ފަޅު ގޯތީގެ އުނދަގޫ ބޮޑު." އަލީ ވިދާޅުވި އެވެ.

ހުޅުދޫ އަކީ އައްޑޫގެ އަވަށްތަކުގެ އެންމެ ގިނަ ބަޔަކު ރަށުން މާލެ އަށް ހިޖުރަކޮށްފައިވާ އަވަށެކެވެ. މީގެ ސަބަބުން އެ އަވަށުގައި ފަޅު ގޯތިތައް ގިނަވެ، އެތަންތަން ނުބެލެއްޓި ގޮނޑުވެފައިވާ މައްސަލަ ބޮޑެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅި އައްޑޫ ސިޓީ ކައުންސިކުން ވެސް ހުޅުދޫގެ ފަޅު ގޯތިތައް ސާފުކޮށް، ބަލަހައްޓަން ވެރިފަރާތްތަކަށް އަންގާފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށައި ހުރި ގޯތިތަކާއި، ދިރިނޫޅެ ދޫކޮށްލެވިފައިވާ ފަޅުގެތަކުގެ ސަބަބުން އިޖުތިމާއީ އަދި ސިއްހީ ބޮޑެތި މައްސަލަތައް ވެސް ދިމާވަމުންދާ ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ އެ ގޯތިތަކުގެ ވެރިފަރާތުން ގޯތިތައް ސާފުކޮށް ބަލަހައްޓަމުން ނުދާތީ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ އެގޮތަށް ގޯއްޗާއި ގެތައް ސާފުކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކައުންސިލުން މުހުލަތެއް ވެސް ދިނެވެ.