Last Updated: April 25, 17:37
Thursday, April 25, 2024
މުނިފޫހިފިލުވުން

އާމިރުގެ ދަރިފުޅާއި ސްރީދޭވީގެ ދަރިފުޅަށް ފިލްމެއް

ބޮލީވުޑްގެ ތަރިން ކަމަށްވާ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ހުޝީ ކަޕޫރް އެކީގައި ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ހިންދީ ރިމޭކް ކަމަށެވެ. ބޮލީވުޑް ލައިފުން ބުނި ގޮތުގައި ޕްރަދީޕް ރަންގަނާތަން ލިޔެ، ޑައިރެކްޓްކޮށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި ފިލްމުގެ ރައިޓްސް ހޯދާފައި ވަނީ ޕްރޮޑިއުސަރު މަދޫ މަންޓޭނާގެ ފޭންޓަމް ސްޓޫޑިއޯސްއިންނެވެ.

އެކަމަކު "ލަވް ޓުޑޭ" އާ ބެހޭ އެއްވެސް ވާހަކައެއް އެ ސްޓޫޑިއޯ އިން އަދި ހާމައެއް ނުކުރެ އެވެ.

ޖުނައިދާއި ހުޝީ އެކީގައި ފިލްމެއް ކުޅެން އުޅޭ ވާހަކަ ދެކެވެމަން އަންނަ އިރު، މި ދެ މީހުން ވެސް ވަނީ ބޮލީވުޑްގެ ދަތުރަށް ތައްޔާރުވެފަ އެވެ. އެގޮތުން ހުޝީ، 22، ގެ ފުރަތަމަ ފިލްމަކީ ޝޫޓިން ނިންމާފައި އޮތް ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދަ އާޗީސް" އެވެ. މި ފިލްމުން ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާނާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ބޮލީވުޑަށް ނެރޭނެ އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ހަދާފައިވާ "ދި އާޗީސް" މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެެވެ.

ޖުނައިދު، 30، ގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "މަހާރާޖާ" އެވެ. މިއީ އެ ސްޓޫޑިއޯގެ 2018 ގެ "ހިކްޗީ" ޑައިރެކްޓްކުރި ސިދާތު ޕީ މަލްއުތުރާގެ ފިލްމެކެވެ. އެކަމަކު "މަހާރާޖާ" ގެ އެއްވެސް ވާހަކައެއް ވައިއާރްއެފުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގައި ބަތަލާއިންނަކީ އެ ސްޓޫޑިއޯ އިން މިދިޔަ އަހަރު ގެނެސްދިން "ބަންޓީ އޯރް ބަބްލީ 2" ގެ ކާސްޓްގައި ހިމެނުނު ޝަރުވާރީ ވާގް އާއި "ޖަޔޭޝްބާއީ ޖޯރުދާރު" ގެ ބަތަލާ ޝާލިނީ ޕާންޑޭ އެވެ.

ކޮންމެއަކަސް ބޮލީވުޑްގެ ވަރުގަދަ ދެ ތަރިއެއްގެ ދަރިންތަކެއް އެކީގައި ސްކްރީނުން ފެނުމަކީ އެ މީހުންގެ ފޭނުންނަށް ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ. އެހެންވެ ހުޝީ އާއި ޖުނައިދުގެ ފިލްމަށް ކުރެވޭ އިންޒާރު ވަރަށް ޔަގީނުން ވެސް ބޮޑުވާނެ އެވެ.