Last Updated: April 20, 14:10
Saturday, April 20, 2024
މުނިފޫހިފިލުވުން

ޕަރިނީތީ އެމްޕީއަކާ ކައިވެނި ކުރަނީ

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެމްބަރެއް ކަމަށްވާ ރާގަވް ޗައްޑާ ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއްވެއްޖެ ކަމަށާއި ދެ މީހުން ވެސް ގުޅުމާ މެދު މިހާރު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ ކައިވެނި ކުރަން އުޅޭކަން ވަރަށް އަވަހަށް އެ މީހުން އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ޗާޓާޑް އެކައުންޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ރާގަވް އަކީ އާމް އާދުމީ ޕާޓީގެ މެމްބަރެކެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޕަރިނީތީ، 34، އާއި ރާގަވް، 34، އަކީ ވަރަށް ކުރިއްސުރެ ވެސް ދެ އެކުވެރިންނެވެ. އަދި އެ މީހުން ކިޔެވީ އެކީގައި ލަންޑަންގަ އެވެ.

ޕަރިނީތީގެ ކައިވެނީގެ ވާހަކަ މިހާރު ދެކެވެމުން އަންނަ އިރު، އޭނަ ކުރިން އަލަތު ފިލްމު 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" ގެ ޑައިރެކްޓަރު މަނީޝް ޝަރުމާއާ ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އަދި މަނީޝްގެ 2013 ގެ ފިލްމު "ޝުދު ދޭސީ ރޮމޭންސް" ވެސް ޕަރިނީތީ ކުޅުނެވެ.