Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

53 މިލިއަން ދެއްކުމުގެ އިސްތިއުނާފު ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން 53 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމުން އެކަން ހައި ކޯޓުން ބަލައިގެންފި އެވެެ.

އެ ކޯޓުން ބުނީ އިސްތިއުނާފްުގެ މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރަން ކޯޓަށް ހުށަހެޅީ މި މަހުގެ 13 ގަ އެވެ.

މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް 53 މިލިއަން ދައްކަން ހުކުމްކުރީ ވ. އާރަށު މައްސަލައިގައި ކުރި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ހުކުމްކުރި އެވެ.

ކްރިމިނަލް ކޯޓުން ކުރި ޢަމުރުގައިވާ ގޮތުން އާރަށް ކުއްޔަށް ދިނުމުގެ ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ އެޗްއެސްބީސީ އަށް ޖަމާކޮށް، އަދި އިތުރު ފައިސާއާ އެކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖަމާކޮށް، އަނެއްކާ ވެސް އިތުރު ފައިސާއާއެކު އިސްލާމިކް ބޭންކު (އެމްއައިބީ) ގައި އޮތް ޔާމީންގެ އެކައުންޓަށް ޖުމްލަ 1،295،000 ޑޮލަރު ފެބުރުއަރީ 21، 2017 ގައި ޖަމާކޮށްފައިވެ އެވެ.

އޭގެ ފަހުން އެމްއައިބީގައި އޮތް އިންވެސްޓްމަންޓް އެކައުންޓަށް މާޗް 14، 2021 ގައި އިތުރު ފައިސާއާ އެކީ ޖުމްލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވެ އެވެ.