Last Updated: April 25, 11:18
Thursday, April 25, 2024
ޚަބަރު

ރޯދަ މަހު ޤުރުއާން ޚަތިމް ކުރާކަށް ނޯވޭ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ރައީސް އޮފީސް

ރޯދަ މަހު ޤުރުއާން ޚަތިމްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ޤުރުއާން ހަތިމް ކުރުމަކީ ސުންނަތެއް ނޫން ކަމަށާއި އެއީ އޮންނަ ކަމެއް ވެސް ނޫން ކަމަށެވެ. އެގޮތުން އަންގަވާފައި އޮންނަނީ ގުރުއާނުން ފަސޭހަވި ތަނެއް ކިޔެވުމަށް ކަމަށާއި ކޮންމެހެން ޤުރުއާން ފެށުނީއްސުރެ ނިމެންދެން ކިޔެވުމަށް އެއްވެސް ތަނެއްގައި އަންގަވާފައި ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަން ކުރަނީ ދެން އެ ގިނައިން ކުރީމަ އޭގެ ބަރަކާތް ހާސިލުވާނެ ކަމަށް ބަލާފައި. އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް. އެހެން ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ނޫން. ޤުރުއާން އެއްކޮޅުން އަނެއް ކޮޅަށް ނިންމުމަކީ ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ޖެހޭނެ ކަމެއް ނޫން." މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޤުރުއާން ގިނައިން ކިޔެވި ވަރަކަށް ސަވާބު ލިބޭނެ ކަމަށާއި ގުރުއާން ކިޔަވާއިރު ކިޔަވަން ވާނީ ކިޔަވާ އެއްޗަކާ މެދު ވިސްނައި އޭގެއިން ފައިދާއެއް ކުރާނެ ގޮތަކަށް ކަމަށެވެ. އަސްލު ޤުރުއާން ކިޔަވަންވީ ގޮތަކީ ވެސް އެއީ ކަމަށާއި އަވަސް އަރުވާލައިގެން ގުރުއާން ކިޔެވުމުން އޭގެ ސަވާބު ވެސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ތިމާ އަމިއްލަ އަށް ކިޔަވާ އެއްޗެއްގެ މާނަ ތިމާ އަށް އެނގެން ޖެހޭނެ. އޭގެއިން އިބްރަތެއް ހާސިލުކުރަންޖެހޭނެ. އޭގެއިން ފިލާވަޅެއް ލިބިގަންނަންޖެހޭނެ. އެގޮތުގައި ގުރުއާން ކިޔަވަން ޖެހޭނީ." މައުމޫން ވިދާޅުވި އެވެ.