Last Updated: April 23, 17:09
Tuesday, April 23, 2024
ޚަބަރު

ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލެއް އަތުވެއްޖެ

ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން - ފޮޓޯ: ޖޭއެސްސީ

ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ޖުޑީޝަލް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ލިޔުއްވި ލިޔުއްވުމެއްގައި ހިސާން ވިދާޅުވީ މިދިޔަ އަހަރު ޖޭއެސްސީ އަށް 392 ޝަކުވާއެއް ހުށަހެޅި ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ގޮތުގައި 15 ޝަކުވާއެއް ތަހުގީގު ކުރެވުނު ކަމަށެވެ. މިދިޔަ އަހަރު ބަލަން ނިންމުނު މައްސަލައިގެ އިންސައްތަ ދަށްވުމަކީ ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމުގެ ހެއްކެއް ކަމަށް ހިސާން ވިދާޅުވި އެވެ.

ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބަލަން ނުފެންނަ ކަމަށް ނިންމާ މައްސަލަތަކުގައި ވެސް އެ މައްސަލަ އަކީ ޝަރުއީ ނިޒާމުގެ ތެރެއިން ހައްލުކުރެވެން ހުރި ކަމެއް ނަމަ، އެ ކަމެއް ހައްލުކުރަން މަސައްކަތްކޮށްފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ. ޝަރުއީ ނިޒާމުގެ ތެރެއިން ނޫނަސް، ކޮމިޝަނުގެ މަސްއޫލިއްޔަތު ތަން ދޭ އެންމެ ފުޅާ މިންވަރަކަށް އެ ކަމެއް ހައްލުކުރަން ބާރުއަޅައި މަސައްކަތްކޮށްފައިވާނެ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

"އެގޮތުން 45 ސިޓީއެއް ފޮނުވާ މި ކޮމިޝަނަށް ހުށަހަޅާފައިވާ އެކިއެކި މައްސަލަތައް އެ މުއައްސަސާއަކާ ގުޅޭ ކަންކަން ސަމާލުކަމަށް ގެނެސް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރެވިފައި ވާނެ." ހިސާން ވިދާޅުވި އެވެ.

ޖޭއެސްސީގައި 2021 ވަނަ އަހަރު ނިމުނު އިރު 55 މައްސަލަ އާއި އަލަށް ބަލަން ނިންމި 15 މައްސަލައިގެ ތެރެއިން 46 މައްސަލަ ނިންމާ، 65 އިންސައްތަ އަށް މައްސަލަ މަދުކޮށްފައިވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.